ދުންފަތުގެ އިސްތިއުމާލުކުރުމަކީ ރާއްޖޭގައި ވަރަށް އާންމު ކަމެކެވެ. ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ތެރެއިން ބައެއް މީހުން އެކަން ހުއްޓާލަންވެސް ބޭނުންވާނެ އެވެ. ނަމަވެސް ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމުން ހަށިގަނޑުގެ ބަރުދަން އިތުރުވުމަކީ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. ދާދިފަހުން ކުރި ދިރާސާއަކުން ދައްކާގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމުން ބަރުދަން އިތުރުވާ ނުވަތަ ލުއިވާ މިންވަރު ބިނާވެގެން ވަނީ އެމީހަކު ނިކޮޓިން އަށް ދެވިހިފާފައިވާ މިންވަރުގެ މައްޗަށެވެ.

ދިރާސާ

ޖަޕާންގެ ކްޔޯޓޯ މެޑިކަލް ސެންޓަރުގެ ދިރާސާވެރިން ވަނީ ދުންފަތުގެ އިސްތިއުމާލުރުކުރުން ހުއްޓާ ފަރާތްތަކުގެ ބަރުދަން އިތުރުވާ ސަބަބުތައް ތަޙުޤީޤުކޮށްފަ އެވެ. ނަތިޖާތައް ދައްކާގޮތުން، ނިކޮޓިން އަށް ދެވިހިފާފައިވާ މިންވަރު އިތުރުވާ ވަރަކަށް، ބަރުދަން އިތުރުވާ މިންވަރުވެސް ބޮޑުވެގެން ދެއެވެ.

މި ދިރާސާގައި 186 މީހުން ބައިވެރިވެފައިވާއިރު، ބައިވެރިންގެ އެވްރެޖު އުމުރަކީ ގާތްގަނޑަކަށް 60 އަހަރެވެ. އަދި އެމީހުންނަކީ ދުވާލެއްގެ މައްޗަށް އެއް ފޮށްޓަށްވުރެ ގިނައިން ސިނގިރެޓު ބޯ މީހުންނެވެ. ތިން މަސް ދުވަހުގެ މުއްދަތަކަށްފަހު އެމީހުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލިއިރު، ނިކޮޓިން އަށް ބުރަވެފައިވާ ފަރާތްތަކުގެ ބަރުދަން ވަނީ 2.5 ޕައުންޑް އިތުރުވެފައެވެ.

އެހެންކަމުން ބަރުދަން އިތުރުވުމުގެ މައްސަލައިގެ ސަބަބުން ގިނަ ބަޔަކު ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ޖެހިލުންވެއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމުން ބަރުދަން އިތުރުވާނެ މިންވަރު

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމުން ބަރުދަން އިތުރުވާން މެދުވެރިވާ ސަބަބުތައް ވަރަށް ގިނައެވެ. އޭގެތެރޭގައި ގިނަގިނައިން ބަނޑުހައިވުން، މެޓަބޮލިޒަމް ދަށްވުން، ކަސްރަތު ނުކުރުމާއި ލިޕޮޕްރޮޓީން ލައިޕޭސްގެ ޙަރަކާތްތައް އިތުރުވުން ހިމެނެއެވެ. ލިޕޮޕްރޮޓީން ލައިޕޭސްގެ ޙަރަކާތް އިތުރުވުމުގެ ސަބަބުން ހަށިގަނޑުގައި ސަރުބީ ދައުރުކޮށްދޭ ނިޒާމަށް އަސަރުކުރެއެވެ.

މި ދިރާސާއިން ދެއްކި ގޮތުގައި ދުންފަތް ބޭނުންކުރުން ހުއްޓާލުމުން ފިރިހެނުންގެ ބަރުދަން ހަ ޕައުންޑް އިތުރުވިއިރު، އަންހެނުންގެ ބަރުދަން އިތުރުވެފައި ވަނީ އަށް ޕައުންޑަށެވެ.

އެހެންނަމަވެސް، އިތުރުވި ބަރުދަން ދެމިގެންދިޔައީ ތިން އަހަރުގެ މުއްދަތަކަށެވެ.

ބަރުދަން ލުއިވާ ސަބަބުތައް

އެއްވެސް ގޮތަކަށް ދުންފަތް ބޭނުންކުރުމަކީ ހަށިގަނޑުގެ ބަރުދަނަށް އަސަރުކުރާ ކަމެކެވެ. ދުންފަތުގެ ސަބަބުން ހަށިގަނޑުގެ މެޓަބޮލިޒަމް އަވަސްވެއެވެ. އަދި ނިކޮޓިން ބޭނުންކުރުމަކީ އެކިއެކި ކެންސަރުތައް ޖެހުމަށާއި، ލޯފަންވުމާއި، ޑީޖެނެރޭޓިވް ޑިސްކް ޑިޒީޒްފަދަ މައްސަލަތައްވެސް ކުރިމަތިކުރުވާ ކަމެކެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށްފަހު، ޤަވާއިދުން ކަސްރަތުކޮށް ދުޅަހެޔޮކޮށް ކެއުމަކީ ބަރުދަން އިތުރުވުމުން ހުއްޓުވައިދޭ ކަމެއް ކަމަށް ދިރާސާވެރިން ބުނެއެވެ. ހަށިގަނޑަށް ފައިދާކުރި ކާނާ ކެއުމާއި ކަސްރަތު ކުރުމުގެ ސަބަބުން ހިތުގެ މައްސަލަތަކާއި، ގްލުކޯޒް އިންޓޮލަރެންސްފަދަ މައްސަލަތައް ޖެހުމުގެ ފުރުސަތު ވެސް ކުޑަވެގެންދާނެ އެވެ.

އެހެންކަމުން، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ވިސްނާނަމަ، ވީހާވެސް އަވަހަށް އެކަން ކުރާށެވެ. އެކަމަށް ދެވިހިފާ މިންވަރު އިތުރުވި ވަރަކަށް، ބަރުދަން އިތުރުވާނެ މިންވަރުވެސް ބޮޑުވާނެ އެވެ.

ނޯޓް: ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އެކަމުގެ ސަބަބުން އެތަކެއް ސިއްހީ މައްސަލައެއް ކުރިމަތިވާ ކަމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.