ރާއްޖޭގެ ރަށްތައް ވަކިވަކިން އޮތް ނަމަވެސް ދިވެހިންނަކީ އެކުވެރި، އެއްބައިވަންތަ ބައެއްގެ ގޮތުގައި މި ފަހަކާއި ޖެހެންދެންވެސް މުޅި ދުނިޔެއަށް ނަމޫނާ ދެއްކި ބައެކެވެ. ފަހުގެ ތާރީހެއްގައި ދިވެހިންގެ އެއްބައިވަންތަކަން އެންމެ ބޮޑަށް ފެނިގެން ދިޔައީ 2004 ގައި ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިޝާއެވެ. ކޮންމެ މީހަކުވެސް ބެލީ އަނެކާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. މުދާވެރިން އެމީހުންގެ މުދާތައް ބޭނުން ޖެހިފައިވާ ފަރާތްތަކަށް ދީ ހުސްކޮށްލީ އިންސާނިއްޔަތުކަން އިސްކޮށް ހިނިތުންވުމާއި އެކުގައެވެ. އަޅާލާނެ ޔާރެއް އިރާރެއް ނެތް މީހުންނާއި, އުނު އޮރިޔާން ނިވާކޮށްލާނެ ފަދައެއްނެތް ފަރާތްތަކަށް އަމިއްލަ އަންނައުނު ދިނީ ހެޔޮހިތުންނެވެ. ދިވެހިވަންތަ ދިވެހި ލޭ ހިނގާ ޤައުމީ ޖޯށުގައެވެ.

ނަމަވެސް އަދު ދިވެހި ޤައުމަށް މިވަނީ ހީވެސް ނުކުރާ ފަދަ ބަދަލުތަކެއް އައިސްފައެވެ. ޤައުމު މިދަނީ ތަރައްޤީގެ އުސްއަލިތައް ހާސިލް ކުރަމުންނެވެ. ދިވެހީންގެ ވިސްނުމާއި އިލްމު ތަރައްޤީވެއްޖެއެވެ. ޤައުމުން ފަޤީރުން މަދުވެ ތަހުޒީބުގެ މަލަމަތި ފެންނަން ފަށައިފިއެވެ. އިމާރާތްތަކާއި، ވެހިކަލްތަކުން ޤައުމުގެ ތަނަވަސްކަން ރަމްޒުކޮށްދެއެވެ. ދިވެހިންގެ ހޭދަ ކުރުމުގެ އާދައަށް ބަލާއިރު ދިވެހިން އުޅެނީ ދެކުނު އޭޝިއާގެ ޤައުމުތަކުގެ މީހުންނަށްވުރެވެސް ކުރީގައެވެ.

އިހު ދިވެހިންނަކީ ތެދުވެރި ވަފާތެރި ބައެކެވެ. އެއިރު ވައްކަން ކުރުން އިންތިހާއަށް މަދެވެ. މަގުތައް އަމާނެކެވެ. ފޭރުމުގެ އެއްވެސް ބިރެއް ނެތެވެ. ނަމަވެސް އަދުގެ ހާލަތު ހުރީ އެފަދައިން ތޯއެވެ. ކިރިޔާވެސް ފައިސާ ފޮށްޗެއް ހިފައިގެން ނުކުންނަ މީހާއަށް ފާރަލެވޭ އެތައް ލޮލެއް ވެއެވެ. މާރާމާރީއާއި ވައްކަންތައް މިވަނީ ފުލުހުންނަށްވެސް މަތަ ނުކުރެވޭ ވަރަށް އިތުރުވެފައެވެ. މިކަންތައްތަކަށް ވުރެވެސް ނުބައި އަމަލެއް މިޤައުމުގައި މިވަނީ ފެތުރި ޤައުމުގެ މައިބަދައިގައި ހަރުލާފައެވެ. އެއީ މަރަކާއި ހީލަތެވެ.

މުސްކުޅިން ބުނާތީ އަޑު އަހަމެވެ. "އެދުމެއް ނެތި ވެދުމެއް ނުކުރާނެ" އެވެ. އެއީ ހަމަ ތެދުފުޅެކެވެ. ގިނަ ފަހަރަށް ތިމާއަށް މީހަކު ހެޔޮކޮށް ކަންތައް ކޮށްދޭނީ ތިމާގެ ފަރާތުންވެސް އެމީހަކު ބޭނުންވާ ކަންތައްތަކެއް ހުރީމައެވެ. ނުވަތަ ތިމާގެ ބޭނުންވެސް އެމީހަކަށް ޖެހޭނެތީއެވެ. ސާފު ހިތަކާއިގެން ހެޔޮނިޔަތުގައި ކަންކަން ކޮށްދޭ މީހުން އިނގިލިން ގުނާލެވޭހާ މަދުވެއްޖެއެވެ. މިއީ ޤައުމުގެ ކުރިމަގު ބަނަވުމުގެ ހެއްކެކެވެ. އެހެންކަމުން އަޅުގަނޑުމެންނަކީ ހެޔޮ ނިޔަތުގައި އިހްލާސްތެރިކަމާއި އެކު ކަންކަން ކޮށްދޭ ބަޔަކަށް ވާން އެބަޖެހެއެވެ. ނޫން ނަމަ މި ޤައުމަށް ދުވަހަކުވެސް ހީލަތުގެ ކެހިވެރި މަޅިން ސަލާމަތެއް ނުވެވޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.