މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ހުނަރުވެރި މިޑްފީލްޑަރު ޕައުލް ޕޮގްބާ އަކީ އެ ކްލަބުގެ ކެޕްޓަނެއްގެ ޒިންމާ އަދާކުރެވޭ ވަރުގެ ކުޅުންތެރިއެއްކަމަށް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފިއެވެ.

ޔުނައިޓެޑް ދޫކޮށްލުމަށް ބޭނުންވާކަމަށް ބުނެ މީޑިއާގައި ޕޮގްބާއާ ގުޅޭގޮތުން ގިނަ ވާހަކަތަކެއް ދެކެވެމުންދާ ދަނޑިވަޅެއްގައި، ސޯލްޝެއާ ބުނެފައިވަނީ ކުރިއަށް އޮތް ސީޒަނަށް އެ ޓީމުން ކެޕްޓަނުގެ މަސްއޫލިއްޔަތު ހަވާލުކުރާނެ ކުޅުންތެރިން ޝޯޓްލިސްޓް ކުރަމުންދާކަމަށެވެ. އެގޮތުން، ޕޮގްބާ އަކީ ވެސް އެ މަގާމަށް އައުމުގެ ފުރުޞަތު އޮތް ކުޅުންތެރިއެއްކަމަށް ސޯލްޝެއާ ވަނީ ބުނެފައެވެ.

އިނގިރޭސި އެންމެ ކާމިޔާބު ޓީމުން އާ ސީޒަނަށް ކުރިމަތިލާއިރު، ކޯޗު ސޯލްޝެއާގެ އެންމެ ބޮޑު ބޮލުގެ ރިހުމަކަށްވެފައިވަނީ އެ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށްވާ ޕޮގްބާގެ މުސްތަގްބަލާއިގުޅޭގޮތުން ސުވާލު އުފެދިފައިވުމެވެ.

އެގޮތުން، މީގެ ކުރީން ޕޮގްބާގެ މުސްތަގްބަލާއި ގުޅޭގޮތުން، ރައިއޯލާ ބުނެފައިވަނީ ޔުނައިޓެޑާ ގުޅުންހުރި އެންމެހާ އިސްފަރާތްތަކަށްވެސް ޕޮގްބާ އެ ކްލަބު ދޫކޮށްލަން ބޭނުންވާކަން އެނގޭނެކަމަށެވެ.

އެކަމަކު، މިކަމާއި ބެހޭގޮތުން ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ ދެކޭގޮތް މުޅީން ތަފާތެވެ. އެ ޓީމުން ޕްރީ-ސީޒަން ޓުއާގައި އޮސްޓްރޭލިއާ އަށް ގޮސް މީޑިއާ އަށް ދިން ފުރަތަމަ އިންޓަވިއުގައި ސޯލްޝެއާ ބުނީ ޕޮގްބާއާ ގުޅޭގޮތުން މީޑިއާގައި ދެކެވޭ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. 

އެގޮތުން، ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާކަމަށް މިހާތަނަށް އައިއިރު އެންމެ ފަހަރަކުވެސް ޕޮގްބާ ބުނެފައިނުވާއިރު، އޭނާގެ ފަރާތުން ދަނޑުމަތީގައި އާއި ދަނޑުން ބޭރުގައިވެސް އެކަހަލަ ނިޝާނެއް ފެނިފައިނުވާކަމަށާއި، މި ހުރިހާ ވާހަކަތަކެއް ދައްކަނީ އޭނާގެ އޭޖެންޓް ކަމުގައެވެ.

މީގެއިތުރުން، ޔުނައިޓެޑުން އާ ސީޒަނަށް ތައްޔާރުވުމަށްޓަކައި ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗުގައި، އޮސްޓްރޭލިއާގެ ޕާތް ގްލޯރީ އަތުން 2-0 އިން މޮޅުވިއިރު، ޕޮގްބާ ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ

ޔުނައިޓެޑުން ވަނީ ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަކުރުމަށްޓަކައި، ސްވަންސީ ސިޓީން ވޭލްސްގެ ޒުވާން މިޑްފީލްޑަރު ޑެނިއަލް ޖޭމްސް އާއި ކްރިސްޓަލް ޕެލަސްގެ އިނގިރޭސި ފުލްބެކް އާރޮން ވަން-ބިސާކާ ވެސް ގެނެސްފައެވެ.

ފަހުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޔުނައިޓެޑުން މިހާރު ގެނައުމަށް މަސައްކަތްކުރާ ކުޅުންތެރިންގެ ތެރޭގައި، ލެސްޓާ ސިޓީގެ ޑިފެންޑަރު ހެރީ މެގުއަޔާ އާއި ނިއުކާސަލް ޔުނައިޓެޑްގެ ޝޯން ލޯންގްސްޓާފްގެ އިތުރުން ޕޯޗުގަލްގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.