ޚަބަރު
މިނިސްޓަރު އަމީން، މައްސަލަ ބޮޑުވެފައި އޮތް ޓެކްސީ ކިއު ބައްލަވާލައްވައިފި

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޓެކްސީ ކިއުގެ ކަންކަން ކުރިއަށްދާ ގޮތް ބައްލަވާލައްވައިފި އެވެ.

މިނިސްޓަރު އަމީން ވީއައިއޭގެ ޓެކްސީ ކިއުގެ ކަންކަން ބައްލަވާލެއްވުމަށް ވަޑައިގެންނެވީ އިއްޔެ މޯލްޑިވިއަންގެ ހަތަރުވަނަ އޭޓީއާރް ފްލައިޓް މާލެ ގެނައުމަށް ބޭއްވި ރަސްމިއްޔާތަށް އެއާޕޯޓަށް ވަޑައިގެންނެވުމަށް ފަހު އެވެ. މިނިސްޓަރު ޓެކްސީ ކިއުގެ ކަންކަން ބައްލަވާލެއްވުމަށް އެ ސަރަހައްދަށް ވަޑައިގެންނެވީ ވީއައިއޭގެ ޓެކްސީ ކިއުއާ ގުޅޭ ގިނަ މައްސަލަތަކެއް ފެންމަތިވެފައި ވަނިކޮށެވެ.

އެއާޕޯޓް ޓެކްސީ ކިއުގެ މައްސަލަތައް ގިނަވަމުން ދާތީ ޓްރާންސްޕޯޓް މިނިސްޓްރީއާއި ފުލުހުންނާއި އެއާޕޯޓް ހިންގާ އެމްއޭސީއެލުން ވަނީ މި މައްސަލަތައް ހައްލު ކުރުމަށް މަސައްކަތްތަކެއް ފައްޓާފަ އެވެ.

އެއާޕޯޓުގައި ގަވައިދާ ހިލާފަށް އުޅޭ ޓެކްސީތަކަށް ފިޔަވަޅު އަޅަނީ

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ރާއްޖެ އަންނަ ފަތުރުވެރިންނަށާއި ދިވެހިންނަށް އެއާޕޯޓް ޓެކްސީ ކިޔުއިން ކުރިމަތިވާ މައްސަލަތަކާއި ގުޅިގެން ވަރަށް ގިނަ ޝަކުވާތައް ލިބެމުން އަންނަ ކަމަށެވެ. އެގޮތުން ވަކި މަންޒިލަކަށް ނޫނީ ދަތުރު ކުރުމަށް ޓެކްސީ ޑްރައިވަރުން އުޒުރުވެރިވުމާއި، ދަތުރެއް ނެގުމަށްފަހު އިތުރު ފަސިންޖަރުން އަރުވައިގެން ދަތުރު ކުރުމާއި، ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު އަގުގައި ޓެކްސީ ޑްރައިވަރުން ދަތުރު ކުރާ ކަމުގެ ޝަކުވާތައް ހިމެނެ އެވެ.

މި މައްސަލަތައް ހައްލު ކުރުމަށް އާންމުންގެ ފަރާތުން އުފެދޭ ޝަކުވާތައް ހުށަހެޅުމަށް ހާއްސަ ކިއުއާރް ކޯޑެއް ތައްޔާރުކޮށް އާންމުކޮށްފައިވާކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އަދި އެ މިނިސްޓްރީއަށް ލިބުނު ޝަކުވާތަކާ ގުޅިގެން ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާފައިވާކަމަށްވެސް ބުނެފައިވެ އެވެ.

މި މައްސަލަ ހައްލު ކުރުމަށް މިހާރު ފުލުހުންގެ ފަރާތުން އެއާޕޯޓުގައި ހަރަކާތްތެރި ވަމުންދާ ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި ގަވައިދާ ހިލާފަށް އެއާޕޯޓުގައި ހަރަކާތްތެރިވަމުންދާ ޓެކްސީތަކާއި މެދު ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށްވެސް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ ގަވައިދާ ހިލާފަށް ޓެކްސީ ކުރުމުގައި ބައިވެރިވާ ބިދޭސީންނާއި މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top