އަންނަ ހުކުރު ދުވަހު މޮރިޝަސްގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ނެގި ގައުމީ ސީނިއާ ފުޓްބޯޅަ ޓީމުގެ ސްކޮޑުގައި ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިން ހިމަނާފައިވާއިރު، އެންމެފަހުގެ ސާފް ސުޒުކީ ކަޕް ކާމިޔާބުކުރީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ނުހިމެނެއެވެ.

އައިއޯއައިޖީ އަށް ދާ ސްކޮޑުން އަކުރަމަށް ޖާގަ ދީފައިނުވަނީ، އެފްއޭއެމުން ހޯދައިދިން ފުރުސަތެއްގައި އޭނާ މިހާރު ކުޅެމުން އަންނަ ޓީސީ ސްޕޯޓްސް ކްލަބުން ސައުދީ އަރަބިއްޔާ އަށް ޓްރެއިނިން ކޭމްޕެއް ފުރިހަމަކުރުމަށް ކުރާ ދަތުރުގައި ބައިވެރިވުމަށްޓަކައެވެ.

މިފަހަރުގެ ސްކޮޑުގައި ހިމެނޭ އެންމެ ދޮށީ އުމުރުގެ ދެ ކުޅުންތެރިންނަކީ ކްލަބް އީގަލްސްގެ އަލީ ފާސިރު (ސެންޓޭ) އާއި ދަ ގްރާންޑޭގެ ގޯލްކީޕަރު އަދި މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ މޮޅު ކުޅުންތެރިޔާ މުހައްމަދު ފައިސަލް އެވެ. ދެ ކުޅުންތެރިންގެ އުމުރަކީ ވެސް 31 އަހަރެވެ.

އެންމެފަހުގެ ސާފް ސުޒުކީ ކަޕްގެ ކެޕްޓަން އަކޫގެ އިތުރުން އެ ޓީމުގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން މި ފަހަރު ބާކީވީ ކުޅުންތެރިންނަކީ، މުހައްމަދު އާރިފް (ބަކާ)، އަހުމަދު އިމާޒް (އާއްކޮ)، މުހައްމަދު އިރުފާން (އިރޭ)، ރިހާމް އަބްދުލް ގަނީ (ބޮބީ)، އަސަދުﷲ އަބްދުﷲ އަދި ތޮލާލް ހަސަން (ތޮލާ) އެވެ. އަދި އަނިޔާގެ ސަބަބުން ޓީމުން ބާކީކުރި މާޒިޔާގެ ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) އެވެ.

މި ފަހަރު ގައުމީ ސީނިއާ ޓީމުން މުޅިން އަލަށް ފުރުސަތު ލިބުނު ކުޅުންތެރިންނަކީ، އީގަލްސްގެ ހައިޝަމް ހަސަން، ޓީސީ ސްޕޯޓްސް ކްލަބްގެ އިބްރާހިމް އައިސަމް އަދި ށ. ފޯކައިދޫ ޓީމުގެ މުހައްމަދު ޖައިލަމް (އޮގީ) އެވެ.

އައިއޯއައިޖީ އަށް ސީނިއާ ޓީމެއް ފޮނުވަން އެފްއޭއެމުން ނިންމި ނަމަވެސް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ޖޫން މަހު ސީޒަން ފެށުމުގެ ކުރިން، އެ މުބާރާތުގައި ކުޅޭނެ ޓީމު ލިސްޓު ފޮނުވަންޖެހުމެވެ. އެހެންވެ ޓީމު ނެގުމުގައި ދަތިތަކެއް ދިމާވިކަން ގައުމީ ކޯޗު ޕީޓަ ސެގާޓްގެ އިތުރުން އެސިސްޓަންޓް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ވަނީ ފާހަގަކޮށްފައެވެ.

ގައުމީ ކޯޗު ސެގާޓްގެ މިފަހަރުގެ އަމާޒަކީ އަންނަ ސެޕްޓެންބަރު މަހު އޮންނަ ވޯލްޑްކަޕް ކޮލިފައިން މެޗުތަކަށް ތައްޔާރުވުމަށްޓަކައި ޒުވާން ކުޅުންތެރިންނަށް އިތުރު ތަޖުރިބާ ހޯދައިދިނުމެވެ. އަދި، ކުރިއަށް އޮތް ވޯލްޑްކަޕް ކޮލިފައިންގައި ސީނިއާ ކުޅުންތެރިންނަށް ފުރުސަތު ދޭނެ ކަމަށާއި އެކަމަކު އެއިން ކުޅުންތެރިއަކަށް އަނިޔާވެއްޖެނަމަ ރަނގަޅު ޒުވާން ކުޅުންތެރިން ތައްޔާރުގައި ބަހައްޓަންޖެހޭނެ ކަމަށް ބުންޏެވެ.

މި ފަހަރުގެ އައިއޯއައިޖީގައި ދިވެހިރާއްޖެ ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ރިޔޫނިއަން އާއި ރަނަރަޕް މެޔޯޓް އަދި ކޮމޮރޯސްއާ އެއް ގްރޫޕެއްގައެވެ. މީގެ ހަތަރު އަހަރު ކުރީން، ރިޔޫނިއަންގައި ބޭއްވި އައިއޯއައިޖީގައި ރާއްޖޭގެ ޓީމަށް އިރުޝާދު ދިނީ ބަލްގޭރިއާގެ ކޯޗު ވެލިޒާ ޕޮޕޯފް އެވެ. އެ ފަހަރު ގްރޫޕް ސްޓޭޖުގައި މެޔޯޓް އަތުން 3-1 އިން ރާއްޖެ ބަލިވިއިރު، ދެ ވަނަ މެޗުން ސީޝެލްސް އަތުން 2-1 އިން މޮޅުވި އެވެ. އެކަމަކު ފަހު މެޗުގައި މަޑަގަސްކަރަ އަތުން ބަލިވީ 4-0 އިންނެވެ.

އައިއޯއައިޖީ އަށް ދާ ސީނިއާ ޓީމުގެ ސްކޮޑް:

މާޒިޔާ: މުޖުތާޒް މުހައްމަދު (މުޖޭ)، ހުސެއިން ނިހާން (ނިހާޓް)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، އިބްރާހިމް ވަހީދު (އިއްބެ)، ނާއިޒު ހަސަން (ދާދު)، ހަމްޒާ މުހައްމަދު (ހަމްޕު)، ހުސެއިން ޝަރީފް (ހުސެން)

އީގަލްސް: އަހުމަދު ރިޒުވާން (ރިޒޭ)، ހުސެއިން ޝިފާއު (ކުރޯ)، ހައިޝަމް ހަސަން، އަހުމަދު ނޫމާން (ހެލްމެޓް)، މުހައްމަދު ނާއިމް، އަލީ ފާސިރު (ސެންޓޭ)

ގްރީން ސްޓްރީޓްސް: ސަމްދޫހު މުހައްމަދު، ލަބާން ޝަރީފް، އަބްދުﷲ ޔާމީން (ޔާން)، މުހައްމަދު ސާއިފް

ޓީސީ: އިބްރާހިމް އައިޝަމް

ދަ ގްރާންޑޭ: މުހައްމަދު ފައިސަލް

ށ. ފޯކައިދޫ: މުހައްމަދު ޖައިލަމް (އޮގީ)

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.