ހުޅުމާލޭގައި ފްލެޓް އެޅުމުގެ ނަމުގައި އެތައް ބައެއްގެ އަތުން އޮޅުވާލައިގެން ފައިސާ ނެގި ސީ ލައިފް ކުންފުނިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް 15،000 ޑޮލަރު (231،300ރ.) ޖަމާކުރި މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުން އަންނަ ކަން ހާމަވެއްޖެއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީ އިން ބުނީ ސީ ލައިފްއާ ގުޅޭ މައްސަލައެއް ތަހުޤީޤު ކުރަމުން އަންނަ ކަމަށާއި ނަމަވެސް އެ މައްސަލައަކީ ތަހުޤީޤު ކުރަމުން އަންނަ މައްސަލައަކަށްވާތީ އިތުރު ތަފްސީލް ދެވެން ނެތް ކަމަށެވެ.
އޭސީސީން ވަނީ ތިން މަޝްރޫއަކުން ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާވިި ކަމަށް އޭސީސީން ވަނީ މިދިޔަ ހަފްތާގައި ބުނެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސީ ލައިފުން ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައި ވަނީ، ލިއުންތަކުގައިވާ 2014 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. އެއީ ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ސީ ލައިފް އާއި އެޗުޑީސީން ސޮއިކުރި ދުވަސްވަރުވެސް މެއެވެ. އެ މަޝްރޫއަކީ ބީލަމަށް ނުލައި ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލުން ނިންމައިގެން ކުރިއަށް ގެންދަން އުޅުނު މަޝްރޫއުއެކެވެ.
ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރުމުގެ އިތުރުން އޭސީސީން ތަހުގީގު ކުރަމުން އަންނަ އެއް މައްސަލަ އަކީ 3،000 ފްލެޓް އަޅަން ހުޅުމާލެ އިން ބިމެއް ދީ ސީލައިފް ކުންފުންޏާއި އެކަން ހަވާލުކުރި މައްސަލައާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ލަގްޒަރީ ވިލާ އަޅަން ވ. ތިނަދޫން ބޮޑު ބިމެއް ސީ ލައިފްއަށް ދިން މައްސަލަ އެވެ.