ދަރިވަރުންގެ ލޯނު 163 ފަރާތަކަށް ދޫކުރުމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
މިއަދު އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ އިބްރާހިމް ހަސަން ވިދާޅުވީ، ސަރުކާރުން ލޯނަށް ހުޅުވާލި ހުރިހާ ސްލޮޓަކަށް ލޯނު ދޫކުރަން ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިއަހަރުގެ ކުރީ ކޮޅުގައި ލޯނު ދޭންވެގެން އިއުލާން ކުރިން 31 މާރިޗު ގައި 242 ފުރުސަތަށް. އެފަހަރު އަޅުގަނޑުމެންނަށް ލޯނު ދެވުނީ 79 ފަރާތަކަށް. އެފަހަރު އަޅުގަނޑުމެން ދެންނެވިން އަޅުގަނޑުމެން މި ލޯނު ކަންތައްތަކަށް ހަމަޖައްސައިފައިވާ ފައިސާ އަޅުގަނޑުމެން ބޭނުންވަނީ ހަމަ ލޯނަށް ހޭދަކުރާށޭ. އެހެންކަމުން އޭރު އަޅުގަނޑުމެންނަށް ލޯނު ނުދެވުނު 163 ޖާގައަށް އަލުން 11 ޖޫންގައި އަޅުގަނޑުމެން އެ ފުރުސަތު ހުޅުވާލީ" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ 163 ފަރާތައް ލޯނު ދެވިގެން ދިޔުމުން އުފާކުރާ ކަމަށާއި، މިއީ ސަރުކާރަކުން ލޯނަށް ހުޅުވާލި ހުރިހާ ސްލޮޓަކަށް ލޯނު ދޫކުރެވިގެންދާ ފުރަތަމަ ފަހަރު ކަމުގައެވެ.
އަދި މިފަހަރުވެސް ލޯނު ދޫކުރުމުގައި ބަލާފައިވާނީ އަލަށް ކިޔަވާ ދަރިންވަރުންނާއި، މިހާރުވެސް ކިޔަވަމުން އަންނަ ދަރިވަރުންނަށް ކަމަށާއި އެގޮތުން އަލަށް ކިޔަވާ 79 ދަރިވަރުންނަށް ލޯނު ލިބިގެންދާނެ ކަމަށާއި އަދި މިހާރުވެސް ކިޔަވަމުން އަންނަ 84 ދަރިވަރަކަށް ލޯނު ލިބިގެންދާނެ ކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.