ވިމްބަލްޑަން ޓެނިސް މުބާރާތް ހަތް ފަހަރު ކާމިޔާބުކޮށްފައިވާ އެމެރިކާގެ ސެރީނާ ވިލިއަމްސް ވަރަށް ފަސޭހަކަމާއެކު ބަލިކޮށް ރޫމޭނިއާގެ ސިމޯނާ ހަލެޕް އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މި މެޗުން ބަލިވުމާއެކު ގްރޭންޑް ސްލޭމްގެ 24 މުބާރާތް ކާމިޔާބުކުރުމަށް އަމާޒުހިފައިގެން ސެރީނާ ދެކެމުން އައި ހުވަފެންތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. 

މިއީ ވޭތުވެދިޔަ 12 މަސްދުވަހުގެ ތެރޭގައި ބޮޑު މުބާރާތެއްގެ ފައިނަލުން ސެރީނާ ބަލިވި ތިންވަނަ ފަހަރެވެ. މީގެއިތުރުން، މިދިޔަ އަހަރުގެ ފައިނަލްގައިވެސް ސެރީނާ އަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައެވެ. އެ ފަހަރު ބަލިވީ ޖަރުމަންގެ އެންޖެލީކް ކާބާ އަތުންނެވެ.

މި ފަހަރުގެ މުބާރާތުގެ ފައިނަލަށް 11 ވަނަ އަށް ސީޑްކުރެވިފައިވާ ސެރީނާ ދަތުރުކުރީ، ސެމީ ފައިނަލްގައި ޗެކްރިޕަބްލިކްގެ ބާބަރާ ސްޓްރިކޯވާގެ މައްޗަށް 6-2، 6-2 އިން ކުރި ހޯދައިގެންނެވެ. ރޫމޭނިއާގެ ހަތްވަނަ ސީޑް ހަލެޕް ފައިނަލުން ޖާގަ ހޯދީ ސެމީގައި އެލީނާ ސްވިޓޮލީނާ 6-1، 6-3 އިން ބަލިކޮށްގެންނެވެ.

ވިމްބަލްޑަންގެ ސެންޓަ ކޯޓުގައި ކުޅުނު މެޗު އުމުރުން 27 އަހަރުގެ ހަލެޕް ކާމިޔާބުކުރީ، ގާތްގަނޑަކަށް 56 މިނެޓުގެ ތެރޭގައި ސެރީނާގެ މައްޗަށް ސީދާ ދެ ސެޓުން 6-2، 6-2، އިން ކުރިހޯދައިގެންނެވެ. މިއީ ފަހަކަށް އައިސް އެންމެ އަވަހަށް ނިމިގެންދިޔަ ފައިނަލް މެޗުކަން ފާހަގަކޮށްލަންޖެހެއެވެ.

"މިއީ އަހަރެންނަށް މިހާތަނަށް އެންމެ ރަނގަޅަށް ކުޅެވުނު މެޗު." މެޗަށްފަހު ދިން އިންޓަވިއުގައި ހަލެޕް ބުންޏެވެ.

މެޗަށްފަހު ސެރީނާ ވަނީ ހަލެޕްގެ ފަރާތުން ފެނިގެންދިޔަ މޮޅު ކުޅުމަށް ތައުރީފްކޮށް ވާހަކަ ދައްކާފައެވެ.

މިއީ ހަލެޕް ކާމިޔާބުކުރި ގްރޭންޑް ސްލޭމް ދެވަނަ މުބާރާތެވެ. މީގެކުރީން، އޭނާ ވަނީ މިދިޔަ އަހަރުގެ ފްރެންޗް އޯޕަން މުބާރާތް ކާމިޔާބުކޮށްފައެވެ. މީގެއިތުރުން، ހަލެޕް އަކީ ވިމްބަލްޑަން މުބާރާތް މިހާތަނަށް ކާމިޔާބުކުރި ރޫމޭނިއާގެ ހަމައެކަނި ކުޅުންތެރިޔާ އެވެ. 

މި މުބާރާތުގައި މާދަމާ ކުޅެވޭނީ ފިރިހެން ސިންގަލްސް އިވެންޓްގެ ފައިނަލް މެޗެވެ. އެ މެޗުގައި ބައްދަލުކުރާނީ ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗްއާ އަބަދަށްފެހި ކުޅުންތެރިޔާ ރޮޖާ ފެޑެރާ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.