ބާސެލޯނާ އިން އިއްޔެގެ ވަގުތެއްގައި އެންޓޮއިން ގްރީޒްމަންގެ އެއްބަސްވުން އުވާލުމަށް ދައްކަންޖެހޭ 135 މިލިއަން ޑޮލަރު ދެއްކުމަށްފަހު އެ ޓީމަށް ބަދަލުވިކަން ކަށަވަރުކޮށްދީފައިވާއިރު، އޭގެ މާ ގިނަ އިރުތަކެއް ނުވަނީސް އެތުލެޓިކޯ މެޑްރިޑުން ވަނީ މި އެއްބަސްވުން ފުރިހަމަނުވާކަމަށް ބުނެ، ފީފާ އަށް އެ މައްސަލަ ހުށަހަޅާން ނިންމާފައެވެ.
މި ޓްރާންސްފާ އާއި ގުޅޭގޮތުން އެތުލެޓިކޯ އިން ނެރުނު ބަޔާނުގައިވަނީ، ގްރީޒްމަން ބާސެލޯނާ އަށް ބަދަލުވެފައިމިވަނީ ޓްރާންސްފާ އުސޫލުން ބޭރުން ކަމުގައެވެ.
އެތުލެޓިކޯ އިން ބުނީ މިދިޔަ އަހަރުގެ ޖޫން މަހު ގްރީޒްމަން އެ ކްލަބާ އެކު ހަދާފައިވާ ފަސް އަހަރުގެ އެއްބަސްވުމުގައިވާ ގޮތުން ގްރީޒްމަން އަށް 135 މިލިއަން ޑޮލަރަށް އެހެން ކްލަބަކަށް ބަދަލުވެވޭނީ މަޝްވަރާތައް މި ޖުލައި މަހުގެ އެއްވަނަ ދުވަހުގެ ފަހުން ފަށައިގެން ކަމަށެވެ.
ނަމަވެސް، އެތުލެޓިކޯ އިން ބުނީ ގްރީޒްމަން ބާސެލޯނާ އަށް ބަދަލުވާން އެ ކްލަބާ އެކު އެ މުއްދަތުގެ ކުރީން މަޝްވަރާކޮށްފައިވާތީވެ، އެއްބަސްވުން އުވާލެވޭނީ 225 މިލިއަން ޑޮލަރު ދައްކައިގެން ކަމަށެވެ. އެހެންކަމުން، ބާސެލޯނާ އިން ގްރީޒްމަން ބޭނުންވާނަމަ އިތުރު 90 މިލިއަން ޑޮލަރު ދައްކަންޖެހޭނެ ކަމަށް ވެސް އެތުލެޓިކޯ އިން ބުނެއެވެ.
އެގޮތުން، މި މައްސަލަ އެތުލެޓިކޯ އިން ފީފާ އަށް ހުށަހަޅަން ނިންމާފައިވާއިރު، އެ ކްލަބުން އެދެނީ ފީފާގެ ޓްރާންސްފާ ގަވާއިދުތަކާ ހިލާފުވެފައިވާތީވެ، ބާސެލޯނާ އާއި ގްރީޒްމަން އަށް ފިޔަވަޅު އެޅުމަށެވެ.
މީގެކުރިން، 2017 ވަނަ އަހަރުގައިވެސް އެތުލެޓިކޯ އިން ވަނީ ގްރީޒްމަން އާއެކު ބާސެލޯނާ އިން އުސޫލުން ބޭރުން މަޝްވަރާތައް ބޭއްވިކަމަށް ތުހުމަތުކޮށް ފީފާ އަށް އެ މައްސަލަ ހުށަހަޅާފައެވެ.