ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފައިނަލުގައި ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ ސާބިއާގެ ނޮވަކް ޖޮކޮވިޗްއާ ދެކޮޅަށް ފަހުގެ ތާރީޚުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާކަމަށްވާ ރޮޖާ ފެޑެރާ ބައްދަލުކުރާން ޖެހިއްޖެއެވެ.
މިއީ ވިމްބަލްޑަން މުބާރާތް އަށް ފަހަރު ކާމިޔާބުކޮށްފައިވާ ފެޑެރާ، މި މުބާރާތުގެ ފައިނަލަށް ދަތުރުކުރި 12 ވަނަ ފަހަރެވެ.
އުމުރުން 37 އަހަރުގެ ފެޑެރާ ފައިނަލަށް ދަތުރުކުރީ، އިއްޔެ ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ވާދަވެރި ރަފައެލް ނަޑާލްއާ ދެކޮޅަށް ހަތަރު ސެޓު ކުޅެގެންނެވެ. އެގޮތުން، ފެޑެރާ މި މެޗުގެ ސެޓުތައް ގެންދިޔައީ 7-6 (7-3)، 1-6، 6-3 އަދި 6-4 އިންނެވެ.
މި ދެ ކުޅުންތެރިން އެންމެފަހުން ވިމްބަލްޑަން މުބާރާތުގައި ބައްދަލުކުރީ 2008 ވަނަ އަހަރުއެވެ. އެފަހަރުގެ ފައިނަލްގައި ފަސް ސެޓު ކުޅެގެން ފެޑެރާގެ މައްޗަށް ކުރިހޯދީ ނަޑާލް އެވެ. މީގެއިތުރުން، މި ދެ ކުޅުންތެރިން މި އަހަރު އެންމެފަހުން ކުޅުނީ ފްރެންޗް އޯޕަންގެ ސެމީގައެވެ. އެ މެޗު ކާމިޔާބުކޮށް، އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށް ޗެމްޕިއަންކަން ހޯދީވެސް ނަޑާލް އެވެ.
އެންމެފަހުގެ ޗެމްޕިއަން ޖޮކޮވިޗް މި މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ، އިއްޔެ ކުޅެވުނު ސެމީގެ ފުރަތަމަ މެޗުގައި ސްޕެއިނުގެ ރޮބާޓޯ ބަޓިސްޓާ އެގުޓްއާ ދެކޮޅަށް ހަތަރު ސެޓު ކުޅެގެން 6-2، 4-6، 6-3، އަދި 6-2 އިން ކުރި ހޯދައިގެންނެވެ. މިއީ ވިމްބަލްޑަން މުބާރާތުގެ ފައިނަލަށް ޖޮކޮވިޗް ދަތުރުކުރި ހަ ވަނަ ފަހަރެވެ.
މާދަމާ ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ސިންގަލްސް އިވެންޓްގެ ފައިނަލްގައި، ފެޑެރާއާ ދެކޮޅަށް ޖޮކޮވިޗް ނިކުންނައިރު، މިއީ 2015 ވަނަ އަހަރުގެ ވިމްބަލްޑަން ފައިނަލްގެ ފަހުން ބޮޑު މުބާރާތެއްގެ ފައިނަލްގައި މި ދެ ކުޅުންތެރިން ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. އެ މެޗު ކާމިޔާބުކުރީ ޖޮކޮވިޗް އެވެ.
މި މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވަނީ އަންހެން ސިންގަލްސް އިވެންޓްގެ ފައިނަލް މެޗެވެ. މި މެޗުގައި ބައްދަލުކުރާނީ މި މުބާރާތް ހަތް ފަހަރު ކާމިޔާބުކޮށްފައިވާ އެމެރިކާގެ ސެރީނާ ވިލިއަމްސްއާ ރޫމޭނިއާގެ ހަތްވަނަ ސީޑް ސިމޯނާ ހަލެޕް އެވެ.