ދިވެހި ރައްޔިތުންގެ ޕާޓީ(ޑީ.އާރް.ޕީ)ގެ ލީޑަރޝިޕާއި ހަވާލުވެލެއްވުމަށް ފަހު, އެންމެ އިސްކަމެއް ދެއްވާނީ އެ ޕާޓީއަށް މަޖިލިސް މެންބަރުން އިތުރު ކުރުމަށް ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު ވިދާޅުވީ، އޭނާ މިހާރު ކުރަމުން އަންނަ މަސައްކަތަކީ ޑީ.އާރް.ޕީގެ އިސްފަރާތްތަކާއި ގުޅިގެން އެޕާޓީގެ ލީޑަރުކަމާއި ހަވާލު ވުމުގެ މަސައްކަތް ކަމަށެވެ.

"މިހާރު އަޅުގަނޑު ކުރަމުން މިގެންދާ މަސައްކަތަކީ ޕާޓީގެ އިސް ފަރާތްތަކާއި ގުޅިގެން ޕާޓީގެ ލީޑަރޝިޕާއި ހަވާލުވުމުގެ މަސައްކަތް" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ އޭނާއާއި އެކު މަޖިލީހުގެ އިތުރު ދެ މެންބަރުން ޑީ.އާރް.ޕީއަށް ސޮއިކުރައްވާނެ ކަމަށާއި ނަމަވެސް އެ މެންބަރުން ސޮއިކުރެއްވުމާއި ހަމައަށް އެ މެންބަރުންނަކީ ކޮން މެންބަރުންނެއް ކަން ހާމަ ނުކުރައްވާނެ ކަމަށެވެ.

އަދި މުސްތަގުބަލުގައި ޑީ.އާރް.ޕީ ވެގެންދާނީ ޒިންމާދާރު ޕާޓީއަކަށް ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މުސްތަގުބަލުގައި ޑީ.އާރް.ޕީ ވެގެންދާނީ ޒިންމާދާރު އަދި މެންބަރުން ގިނަ ސިޔާސީ ހައިބަތު ކުރި ޕާޓީއަކަށް" ޖާބިރު ވިދާޅުވިއެވެ.

ޑީ.އާރް.ޕީ ލީޑަރޝިޕާއި ޖާބިރު ހަވާލުވުމާއި ބެހޭ ގޮތުން އެޕާޓީގެ ލީޑަރ މުހައްމަދު ނަޝީދު ވިދާޅުވީ، އަބްދުﷲ ޖާބިރު ފަދަ ސިޔާސީ ތަޖުރިބާހުރި ޤާބިލް ބޭފުޅަކު ޑީ.އާރް.ޕީއަށް ވަޑައިގަންނަވާތީ އުފާވާ ކަމަށާއި، ޕާޓީން އޭނާއަށް ހޫނު މަރުހަބާއެއް ކިޔާ ކަހަށެވެ.

މީގެ އިތުރުން ޑީ.އާރް.ޕީގެ ހުންގާނުގައި ހަވާލުވުމުގެ ފުރުސަތު ސިޔާސީ ހައިބަތު ހުރި ފަރާތްތަކަށް އަބަދުވެސް އޮންނާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ޖާބިރާއި މަޖިލީހުގެ އިތުރު ދެމެންބަރުން ޑީ.އާރް.ޕީއަށް ސޮއިކުރައްވާނީ 26 ޖުލައި 2019 ގައި އޮންނަ އެ ޕާޓީގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ޖަލްސާގައެވެ.

އަބްދުﷲ ޖާބިރަކީ މަޖިލީހުގެ ތަޅުމުގައި މި ސަރުކާރަށް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ފާޑު ކިޔުއްްވަމުން ގެންދަވާ ބޭފުޅެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.