ޖަރުމަންގެ ޓެނިސް ލެޖެންޑް ބޮރިސް ބެކާ އަށް މާލީ ގޮތުން މައްސަލަތަކެއް ދިމާވެ، ބޭންކްރަޕްޓްވުމުން ޓްރޮފީ އާއި މެޑަލްގެ އިތުރުން ކުޅިވަރު ކުޅުމަށް ބޭނުންކުރި ސާމާނުތައް ވިއްކައިގެން 680،000 ޕައުންޑް (13،188،180.14ރ.) ހޯދައިފިއެވެ.

ބޮރިސް ބެކާ އަކީ 1980 ގެ އަހަރުތަކުގައި ޓެނިސް ކޯޓުތަކުގައި ވިދުން ގަދަވި ހުނަރުވެރި ކުޅުންތެރިއެކެވެ. އެކަމަކު، އުމުރުން އެންމެ 17 އަހަރުގައި ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބުކޮށް ގިނަ ބައެއްގެ ސަމާލުކަން ހޯދި ބެކާ އަށް އޭނާގެ ކެރިއަރުގެ ކުރީކޮޅު ދެއްކި މޮޅު ކުޅުން މާ ގިނަ އަހަރުތަކެއް ވަންދެން ދެއްކޭގޮތެއްނުވިއެވެ. 

އުމުރުން 51 އަހަރުގެ ބެކާ ބޭންކްރަޕްޓްވިކަން އިނގިރޭސިވިލާތުގެ ކޯޓަކުން އިއުލާންކުރީ 2017 ވަނަ އަހަރުގައެވެ. އޭނާ ބޭންކްރަޕްޓްވުމުގެ މައިގަނޑު ސަބަބަކީ، ޕްރައިވެޓް ބޭންކަރުން ކަމަށްވާ އާބުތްނޮޓް ލަތާމް އެންޑް ކޯ އާށް ދައްކާންޖެހޭ ފައިސާ ނުދެއްކުމުންނެވެ. އެގޮތުން، ބެކާގެ ބޭންކްރަޕްސީއާ ގުޅުންހުރި މަސައްކަތްކުރާ ކުންފުނިން ވަނީ އޭނާގެ ޓްރޮފީ ކަލެކްޝަނުގައި ހިމެނޭ ތަކެތީގެ ތެރެއިން 82 އެއްޗެއް ނީލަންކިޔުމަށްފަހު ވިއްކާލަން ނިންމާފައެވެ.

އެ ކުންފުނިން ނީލަން ކިޔުމަށްފަހު ވިއްކާލި ތަކެތީގެ ތެރެއިން، ގަތުމަށް އެންމެ ބޮޑު އަގެއް ހުށަހަޅާފައިވަނީ 1989 ވަނަ އަހަރުގެ ޔޫއެސް އޯޕަން ޓްރޮފީ އަށެވެ. އެގޮތުން، އެ ޓްރޮފީ އަށް 150،250 ޕައުންޑް (2،914،005.98ރ.) ބިޑްކޮށްފައިވާއިރު، ޑޭވިސް ކަޕް ޓްރޮފީގެ ރެޕްލިކާ އާއި އިންޓަނޭޝަނަލް ހޯލް އޮފް ފޭމް ރިންގްގެ އިތުރުން އަތުކުރި އަޅާ ގަޑިތަކަކާއި ޓެނިސް ކުޅުމަށް ބޭނުންކުރި ހެދުންތަކަށް މުޅި ޖުމްލަ ލިބުނީ 52،100 ޕައުންޑް (1،010،447.33ރ.) އެވެ.

ބެކާގެ މިލްކިއްޔާތުގައި ހުރި ތަކެތީގެ ނީލަންކިޔުން މީގެކުރީން ބޭއްވުމަށް ހަމަޖެހިފައި އޮތީ މިދިޔަ އަހަރުއެވެ. އެކަން ލަސްވީ، ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ ސްޕޯޓްސް އެންވޯއީގެ މަގާމަށް ބެކާ އައުމުން ޑިޕްލޮމެޓިކް އިމިއުނިޓީ ލިބުމުންނެވެ.

"ޔޫއެސް އޯޕަން ޓްރޮފީ ގަތުމަށް މިދިޔަ އަހަރު ހުށަހަޅާފައިވަނީ 36،000 ޕައުންޑް، އެކަމަކު މި އަހަރު އޭގެ އަށް 150،250 ޕައުންޑް ބިޑްކޮށްފައިވަނީ. މިއީ ވަރަށް ބޮޑު ކުރިއެރުމެއް." ސްމިތު އެންޑް ވިލިއަމްސަންގެ ފަރާތުން ވާހަކަ ދެއްކި މާކް ފޯޑް ބުންޏެވެ.

ފޯޑް އިތުރަށް ބުނެފައިވަނީ، ބެކާގެ ކެރިއަރުގައި ހޯދާފައިވާ ގްރޭންޑް ސްލޭމް ޓްރޮފީތަކުގެ ތެރެއިން ގެއްލިފައިވާ ތަކެތި ފެންނާނެކަމަށް އުއްމީދުކުރާކަމަށާއި، އެ ތަކެތި ހޯދުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށެވެ. މިދިޔަ އަހަރު، ބެކާ ވަނީ އެ ޓްރޮފީތައް ގެއްލިފައިވާތީވެ، އެ ތަކެތި ހޯދުމުގައި އާއްމުންގެ އެހީތެރިކަމަށް އެދިފައެވެ.

ބެކާގެ ކެރިއަރުގައި ގްރޭންޑް ސްލޭމް ހަ މުބާރާތެއްގެ ޗެމްޕިއަންކަން ވަނީ ހޯދާފައެވެ. އެގޮތުން، ވިމްބަލްޑަން ޓެނިސް މުބާރާތް ތިން ފަހަރު ކާމިޔާބުކުރިއިރު، 1992 ވަނަ އަހަރު ބާސެލޯނާގައި ބޭއްވި އޮލިމްޕިކްސްގެ ޑަބަލްސް އިވެންޓްގެ ރަން މެޑަލްވެސް ވަނީ ހޯދާފައެވެ. މީގެއިތުރުން، އޭނާ ވަނީ ދުނިޔޭގެ އެންމެ މޮޅު އެއް ޓެނިސް ކުޅުންތެރިޔާ ކަމަށްވާ ނޮވަކް ޖޮކޮވިޗްގެ ކޯޗެއްގެ ގޮތުގައި ތިން އަހަރު ވަންދެން މަސައްކަތްކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.