އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އައި ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން، ލަލީގާގެ ޗެމްޕިއަން ބާސެލޯނާ އަށް ބަދަލުވެއްޖެއެވެ.
ގްރީޒްމަން ވަނީ ބާސެލޯނާއާއެކު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ބާސެލޯނާ އިން ގްރީޒްމަންގެ ސޮއި ހޯދާފައިމިވަނީ ވޭތުވެދިޔަ ދެ އަހަރު ކުރި މަސައްކަތަށްފަހުގައެވެ. އެގޮތުން، މިދިޔަ އަހަރުގެ ވޯލްޑްކަޕް ފެށެން ކައިރިވެފައިވަނިކޮށް ބާސެލޯނާ އިން ގްރީޒްމަން ގެންދިއުމުގެ މަސައްކަތްފެށިއެވެ. އެކަމަކު، ގްރީޒްމަން ވަނީ ބާސެލޯނާގެ ހުށަހެޅުމަށް ފުރަގަސްދިނުމަށްފަހު، އެތުލެޓިކޯއާއެކު ހަދާފައިވާ އެއްބަސްވުން އިތުރު ފަސް އަހަރަށް އާކޮށްފައެވެ.
މި ފަހަރު ބާސެލޯނާ އިން ގްރީޒްމަންގެ ސޮއި ހޯދީ، އެތުލެޓިކޯއާއެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށްޓަކައި ދައްކަންޖެހޭ 120 މިލިއަން ޔޫރޯ (135 މިލިއަން ޑޮލަރު) ދެއްކުމަށް އެއްބަސްވެގެންނެވެ.
އުމުރުން 28 އަހަރުގެ ގްރީޒްމަން އެތުލެޓިކޯ އަށް ބަދަލުވީ 2014 ވަނަ އަހަރު ރެއާލް ސޮސިއެޑާޑް އިންނެވެ. އޭނާ ވަނީ އެތުލެޓިކޯ އަށް ކުޅެދިން 256 މެޗުގައި 133 ލަނޑުޖަހާފައެވެ. އެގޮތުން، އެ ޓީމާއެކު ޔުއެފާ ޔުރޮޕާ ލީގާއި، ޔުއެފާ ސުޕަ ކަޕްގެ އިތުރުން ސްޕެނިޝް ސުޕަ ކަޕްވެސް ވަނީ ކާމިޔާބުކޮށްފައެވެ.
އެންމެފަހުގެ ވޯލްޑްކަޕް ފްރާންސުން ކާމިޔާބުކުރިއިރު މޮޅު ކުޅުމެއް ދައްކާފައިވާ ގްރީޒްމަން ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން 72 މެޗުގައި 29 ގޯލް ޖަހާފައެވެ.
އެތުލެޓިކޯ އިން ގްރީޒްމަން ނެތްތަން ފޫބައްދަން، 142 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއް ޕޯޗުގަލްގެ ބެންފީކާ އަށް ދެއްކުމަށްފަހު ޒުވާން ފޯވާޑް ޔާއޯ ފެލިކްސް ގެނެސްފައިވާއިރު، ބާސެލޯނާ އިން މިހާތަނަށް އައިއިރު ނެދަލޭންޑްސްގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޮން އާއި ވެލެންސިއާގެ ގޯލްކީޕަރު ނެޓޯގެ އިތުރުން ބްރެޒިލް ޒުވާން ފުލްބެކް އެމާސަން ވަނީ ގެނެސްފައެވެ.
ފަހުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ބާސެލޯނާ އިން ދެން ގެންނަން މަސައްކަތްކުރާ ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާ ހޯދުމަށްޓަކައި ކުޅުންތެރިންތަކެއް ވިއްކާލަންޖެހޭނެއެވެ. އެގޮތުން، އެ ޓީމުން ވިއްކާލަން ނިންމާފައިވާ ކުޅުންތެރިންގެ ތެރޭގައި ފިލިއްޕޭ ކުޓީނިއޯ އާއި އިވާން ރަކިޓިޗްގެ އިތުރުން އޮސްމާނޭ ޑެމްބެލޭ ހިމެނެއެވެ.