ސުވަރުގެވަންތަ ވެރީންނަށް ޤިޔާމަތް ދުވަހުން ދެއްވާނެ އެންމެ ބޮޑު ނިއުމަތަކީ އަރަހުށި މާތްﷲ ދީދާރުފުޅު ދުށުމުގެ ނިއުމަތް ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"ސުވަރުގޭގެ އަހުލުވެރިންނަށް ލިބޭ ނިއުމަތްތައް އަދަދު ނުކުރެވޭހާ ގިނަގުނައެވެ. އަދި އެ ހުރިހާ ނިއުމަތްތަކަށް ވުރެ ބޮޑުވެގެންވާ ނިއުމަތެއް ވެއެވެ. އެއީ ﷲގެ ހަސްރަތައް ދިޔުމަށް ދެވޭ ދައުވަތެވެ. އަދި އުޑުތަކާއި ބިންތަކާއި އެތަންތަކުގައި ލެއްވިގެންވާހައި ތަކެއްޗެއްގެ ވެރި ރަސްކަލާނގެ، ޖައްބާރުވަންތަ ގަދަ ކީރިތިވަންތަ އަރަހުށި މާތް ﷲ، މުއުމިނުންގެ ލޯތަކަށް ފެނުމުގެ ނިއުމަތެވެ. އެހެން އެއްވެސް އެއްޗަކާ ވައްތަރުވުމެއް، އެއްފަދަވުމެއް ނެތް، ގަދަކީރިތިވަންތަ ހުސްތާޙިރުވަންތަ އެންމެ ފުރިހަމަ، އެންމެ ރީތި ވަޖުހުފުޅަށް ބެލުމުގެ ލައްޒަތެވެ." ހުތުބާގައި ބުނެފައިވެއެވެ.

ﷲ އެބޭކަލަކަށް ރުއްސުންލެއްވި އަބޫ މޫސަލް އަޝްޢަރީގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

"އެތަނުގައި ދެ ސުވަރުގެއެއްވެއެވެ. އެ ދެ ސުވަރުގޭގެ ކަންވާރުތަކާއި، އެ ދެތަނުގައި ވާހައި އެއްޗެއް ވަނީ ރިހިންނެވެ. އަދި (އެހެން) ދެ ސުވަރުގެއެއް ވެއެވެ. އެ ދެ ސުވަރުގޭގެ ކަންވާރުތަކާއި، އެ ދެތަނުގައި ވާހައި އެއްޗެއް ވަނީ ރަނުންނެވެ. އަދި ސުވަރުގޭގެ އަހުލުވެރިންނާއި އެއުރެންގެ ވެރި ރަސްކަލާނގެ ވަޖުހުފުޅު ފެނުމާ ދެމެދުގައި ވަނީ ޖަންނަތު ޢަދުނުގައުވާ އެކަލާނގެ ކިބްރިޔާވަންތަކަމުގެ ރިދާކަމުގައި މެނުވީ ނުވެއެވެ"

ހުތުބާގައި ބުނީ ދުނިޔެ މަތީގައި ﷲ އަށް އީމާންވެ، އެއިލާހު އެންގެވި ގޮތުގައި އެ މީހެއްގެ ހަޔާތުގެ ދުވަސްތައް ވޭތުކޮށްފި މީހާއަށް ލިބޭ އިނާމަކީ ސުވަރުގޭގެ ދާއިމީ ނިއުމަތް ކަމަށެވެ.

މީގެ އިތުރުން ސުވަރުގޭގެ އަހުލުވެރިންނަކީ މަރުވުމެއް ނެތި ދާއިމަށް ޒުވާންކަންމަތީ ތިބޭނެ ބައެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ. ރަސޫލާ ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

"ސުވަރުގެއަށް ވަދެއްޖެ މީހާ ނިއުމަތުގައި ދެމިހުންނާނެތެވެ. އޭނާއަށް އެއްވެސް ހިތްދަތިކަމެއް މެދުވެރިއެއް ނުވާނެތެވެ. އޭނާގެ ހެދުން ބަލެއް ނުވާނެތެވެ. އޭނާގެ ޒުވާންކަމަށް ބަދަލެއް ނާންނާނެތެވެ"

ހުތުބާ ނިންމާލަމުން ވަނީ ﷲގެ ދީދާރުފުޅު ދުށުމުގެ ނިއުމަތަކީ ނިއުމަތަކަށްޓަކައި އިންސާނުން ގަދައަޅައި މަސައްކަތް ކުރަންވީ ނިއުމަތެއްް ކަމަށް ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.