އެންމެފަހުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ރެއާލް މެޑްރިޑުން ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާ ގެންދިއުމުގެ މަސައްކަތް ދެން ނުކުރާނެކަމަށާއި، މިހާރު އެ ކްލަބުގެ އަމާޒަކީ ފްރާންސްގެ ކިލިއަން އެމްބާޕޭ ކަމަށެވެ.

ރެއާލްއާ ވާދަވެރި ބާސެލޯނާ އަށް ކުރިން ކުޅުނު ނޭމާ ގަންނަން އެ ޓީމުން ކުރިން ވެސް މަސައްކަތްކުރި އެވެ. އެކަމަކު, އޭރު އޭނާ އިހުތިޔާރުކުރީ ބާސެލޯނާ އެވެ. އަދި ލިއޮނަލް މެސީގެ ހިޔަނިން ސަލާމަތްވާން ވެގެން ފަހުން ޕީއެސްޖީ އަށް ދިޔައީއެވެ. އެކަމަކު، އެ ކްލަބުގައި މިހާތަނަށް ހޭދަކުރީ ދުވަސްތަކުގައި އަނިޔާގެ ސަބަބުންނާއި އަހުލާގީ ގޮތުން ގިނަ މައްސަލަތަކެއް ކުރިމަތިވެ އޭނާ އަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއްނުވެއެވެ.

މި ހުރިހާ ސަބަބަކާހުރެ، ރެއާލުން މިހާރު ނޭމާ ގެނައުމުގެ ވިސްނުން ދޫކޮށްލުމަށްފަހު ޝައުގުވެރިވަނީ އޭނާއާ އެއް ޓީމަކަށް ކުޅެމުން އަންނަ އެމްބާޕޭ އަށެވެ. އުމުރުން 20 އަހަރުގެ އެމްބާޕޭ އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އިތުރުން މިހާރު އެންމެ ބޮޑު ޑިމާންޑެއް އޮތް ކުޅުންތެރިޔާއެވެ. އެގޮތުން، އެހާ ޒުވާން އުމުރުގައި ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ އެމްބާޕޭގެ ފަރާތުން މިހާތަނަށް އައިއިރު ދަނޑުމަތީގައި ފެންނަ ހުނަރުވެރިކަމާއި އެއްވަރަށް ދަނޑުން ބޭރުގައިވެސް އޭނާ އަކީ އެހެން ކުޅުންތެރިންނަށް ނަމޫނާ އެކެވެ.

މީގެއިތުރުން، ކްރިސްޓިއާނޯ ރޮނާލްޑޯ ރެއާލް ދޫކޮށްދިއުމުން މާޔޫސްވެފައި ތިބި އެ ޓީމުގެ ގިނަ ސަޕޯޓަރުންވެސް އެންމެ ގެންނަން ބޭނުންވާ ކުޅުންތެރިއަކީ އެމްބާޕޭ އެވެ. އެގޮތުން، ދާދިފަހުން ރެއާލަށް ބޮޑު އަގެއްގައި ޗެލްސީން ގެނައި ބެލްޖިއަމްގެ ތަރި އެޑެން ހަޒާޑް ދައްކާލުމަށް އެ ކްލަބުގެ ސްޓޭޑިއަމްގައި ބޭއްވި ރަސްމިއްޔާތުގައިވެސް ބައެއް ސަޕޯޓަރުން ވަނީ އެމްބާޕޭ ގެންނަން ގޮވާލައިފައެވެ. ނަމަވެސް، އެމްބާޕޭ ވަނީ ޕީއެސްޖީގައި މަޑުކުރާނެކަމުގެ އިޝާރާތެއް ދީފައެވެ. އެގޮތުން، އޭނާ ވަނީ އިތުރު ޒިންމާތައް ނަގަން ބޭނުންވާކަމަށާއި، ޕީއެސްޖީގެ ޕްރޮޖެކްޓްގައި ވަރަށް ބޮޑަށް ބައިވެރިވާން ބޭނުންވާކަމަށް ބުނެފައެވެ.

އެކަމަކު، ޕީއެސްޖީއާއެކު އެމްބާޕޭ ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާން އަދި ބާކީ ދެ އަހަރު އޮތްއިރު، ދެން އިތުރަށް އެއްބަސްވުން އާ ކުރާނެކަމުގެ ޔަގީންކަމެއް ނެތް ކަމަށް ދާދިފަހުން އެ ކްލަބުގެ ސްޕޯޓިން ޑިރެކްޓަރު ލިއޮނާޑޯ ވަނީ ބުނެފައެވެ.

ފްރާންސްގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، އެމްބާޕޭއާއެކު ޕީއެސްޖީއަށް ކުޅެމުން އަންނަ ނޭމާއާ ގުޅިގެން މީޑިއާގައި ދެކެވޭ ވާހަކަތަކާއި އޭނާ ކްލަބް ދޫކޮށްލަން ބޭނުންވާތީ ޕީއެސްޖީގެ ސްޕޯޓިން ޑިރެކްޓަރު ލިއޮނާޑޯ ވަނީ ރަނގަޅު ހުށަހެޅުމެއް ލިބިއްޖެ ނަމަ ނޭމާ ވިއްކާލާނެ ކަމަށް ބުނެފައެވެ.

މީގެ ދެ އަހަރު ކުރިން، ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 222 މިލިއަން ޔޫރޯ (246 މިލިއަން ޑޮލަރު) އަށް ޕީއެސްޖީން ނޭމާގެ ސޮއި ހޯދިއިރު، އެ ޓީމުން ބޭނުންވި ވަރުގެ ކުޅުމެއް މިހާތަނަށް އޭނާގެ ފަރާތަކުން ނުފެނެއެވެ.

ދާދި ފަހުން ޕީއެސްޖީގެ ރައީސް ނާސިރު ހެއްލާފީ ވަނީ އަހުލާގު ދަށް އަމަލުތަކެއް ފެންނަ ކުޅުންތެރިންނަށް އެ ކްލަބުގައި ފުރުސަތެއް ނޯންނާނެ ކަމަށް ބުނެ ނޭމާ އަށް ނުސީދާ އިންޒާރެއްވެސް ދެއްވައިފައެވެ. އަދި ޕެރިހުގައި ބްރެޒިލްގެ އަންހެނަކު ރޭޕްކުރިކަމުގެ ތުހުމަތުގައި ފުލުހުން ނޭމާގެ މައްސަލައެއް ބަލަމުން އަންނައިރު، ބްރެޒިލްގެ ކެޕްޓަން ބޭންޑްވެސް އޭނާ އަތުން ވަނީ އަތުލާފައެވެ. މިވަގުތު އަނިޔާގައި ހުރި ނޭމާ ނުލައި ބްރެޒިލުން ވަނީ އެންމެފަހުގެ ކޮޕާ އެމެރިކާ މުބާރާތްވެސް ކާމިޔާބުކޮށްފައެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޕީއެސްޖީން ނޭމާ ވިއްކާލާނެކަމަށް ބެލެވެނީ މަދުވެގެން 150 މިލިއަން ޔޫރޯ އަށެވެ. އެކަމަކު، ނޭމާ އެނބުރި ބާސެލޯނާ އަށް ދާން ބޭނުންވީނަމަވެސް، މިހާތަނަށް އައިއިރު ދެ ކްލަބުގެ މެދުގައި އެކަމާ ގުޅޭ މަޝްވަރާތަކެއްވެސް ފެށިފައިނުވާކަން ލިއޮނާޑޯ ވަނީ ކަށަވަރުކޮށްދީފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.