އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ކުއާޓާ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން 4-3 އިން އައިވަރީ ކޯސްޓް ބަލިކޮށް އަލްޖީރިއާ އިން ސެމީ ފައިނަލަށް ދަތުރުކުރިއިރު، މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އައި މަޑަގަސްކާ ވަނީ ޓިއުނީޝިއާ އަތުން 3-0 އިން ބަލިވެ ކަޓައިފައެވެ.

މިއީ ވޭތުވެދިޔަ 29 އަހަރުގެ ތެރޭގައި އަލްޖީރިއާ އިން ސެމީ އަށް ދަތުރުކުރި ދެވަނަ ފަހަރެވެ. އެ ޓީމު އެންމެ ފަހުން މި މުބާރާތް ކާމިޔާބުކުރީ 1990 ވަނަ އަހަރުގައެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ރޭގެ މެޗު ފެށިގެން ކުރީކޮޅު، އަލްޖީރިއާގެ ގޯލްކީޕަރު ރާއިސް އެމްބޮޅީ ވަނީ އައިވަރީ ކޯސްޓްގެ ފޯވާޑް މެކްސް-އެލައިން ގްރެޑެލް ފޮނުވާލި ދެ ހަމަލާއެއް މަތަކޮށްފައެވެ. އޭގެފަހުން، އަލްޖީރިއާގެ ކެޕްޓަން ރިޔާދް މާރޭޒް ފޮނުވާލި ބޯޅަ ގޯލަށް ނުވަނީ ހަމަކިރިޔާއެވެ. އެކަމަކު، މެޗުގެ 20 ވަނަ މިނެޓުގައި އަލްޖީރިއާގެ ސޮފިއާން ފެގޫލީ ވަނީ އެ ޓީމަށް ލީޑްނަގައިދީފައެވެ. 

ފުރަތަމަ ހާފު ނިމުމުގެކުރީން، އައިވަރީ ކޯސްޓަށް ނަތީޖާ ހަމަހަމަކޮށްދިނުމަށް ލިބުނު ދެ ފުރުޞަތުގައި އިސްމާއިލް ޓްރައޯރޭ އާއި ގްރެޑެލް ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ވެސް އަލްޖީރިއާގެ ކީޕަރު އެމްބޮޅީ އެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިގެން ތިންވަނަ މިނެޓުގައި، އަލްޖީރިއާގެ ލީޑް ފުޅާކުރުމަށް ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. އެ ޓީމުގެ ބަގްދާދް ބޫނެޖާ އަށް އައިވަރީ ކޯސްޓްގެ ގޯލްކީޕަރު ސިލްވިއަން ބޮހުއޯ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ ކާމިޔާބުނުކުރެވުނެވެ. އަލްޖީރިއާގެ ބޫނެޖާ ފޮނުވާލި ޕެނަލްޓީ އައިވަރީ ކޯސްޓްގެ ކީޕަރު ބޮހުއޯ މަތަކުރިއެވެ.

އޭގެފަހުން، އައިވަރީ ކޯސްޓްގެ ޖޮނަތަން ކޮޖިއާ ފޮނުވާލި ހަމަލާ އަލްޖީރިއާގެ ކީޕަރު އެމްބޮޅީ މަތަކުރިއިރު، ބޫނެޖާ ބޮލުން ފޮނުވާލި ބޯޅަ އައިވަރީ ކޯސްޓްގެ ކީޕަރު ބޮހުއޯ ހުއްޓުވިއެވެ. ނަމަވެސް، މެޗުގެ 62 ވަނަ މިނެޓުގައި ވިލްފްރައިޑް ޒާހާ ދިން ބޯޅައަކުން ކޮޖިއާ ވަނީ އައިވަރީ ކޯސްޓަށް އެއްވަރުކޮށްދީފައެވެ.

މި މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވިއިރު ދެ ޓީމަށްވެސް އިތުރު ގޯލެއް ކާމިޔާބުނުކުރެވުނުއިރު، އިތުރުވަގުތުގެ ދެ ހާފުގައިވެސް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތްނުވުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓި ޝޫޓްއައުޓްގައެވެ. އެގޮތުން، އަލްޖީރިއާ އިން ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކުރިއިރު، އައިވަރީ ކޯސްޓަށް ވައްދާލެވުނީ ތިން ޕެނަލްޓީއެވެ. އެ ޓީމުގެ ތަޖުރިބާކާރު ފޯވާޑް ވިލްފްރައިޑް ބޮނީ ފޮނުވާލި ޕެނަލްޓީ އަލްޖީރިއާގެ ކީޕަރު އެމްބޮޅީ މަތަކުރިއިރު، ފަހު ޕެނަލްޓީ ސެރޭ ޑިއޭ ފޮނުވާލުމުން އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ.

ކުއާޓާ ފައިނަލުގައި ރޭ ކުޅުނު އަނެއް މެޗުން ޓިއުނީޝިއާ ވަނީ 3-0 އިން މަޑަގަސްކާ ބަލިކޮށް އެ ޓީމުގެ ހުވަފެންތައް ނިމުމުކަށް ގެނެސްފައެވެ. މި މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކަމުން އައި މަޑަގަސްކާ ކޮޅަށް ފުރަތަމަ ހާފުގައި ޓިއުނީޝިއާގެ ފަރްޖާނީ ސަސީ އާއި ޔޫސެފް އެމްސަކްނީ ވަނީ ދެލަނޑުޖަހާފައެވެ. އެ ޓީމުގެ ފަހު ލަނޑު، މެޗުގެ އިތުރުވަގުތުގައި ޖަހައިދިނީ ނާއިމް ސްލިޓީ އެވެ. 

މި މުބާރާތުގެ ސެމީގެ ފުރަތަމަ މެޗުގައި ސެނެގޯލްއާ ދެކޮޅަށް ޓިއުނީޝިއާ ނިކުންނައިރު، ދެވަނަ މެޗުގައި ބައްދަލުކުރާނީ އަލްޖީރިއާ އާއި ނައިޖީރިއާ އެވެ. މި ދެ މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.