ދަރިވަރުންނަށް ގޮތް ނޭނގޭ ގޮތްތަކެއްވާތީ ރައްޔިތުން ނުކުމެ ތުޅާދޫ ސްކޫލު ބަންދުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ތުޅާދޫ ރައްޔިތުން ނުކުމެ ސްކޫލުގައި ތަޅު އަޅުވައިފައިވަނީ އެ ސްކޫލުގައި ރޫހާނީ ކަންތައްތަކެއް އުޅޭ ކަމަށް ބުނެއެވެ.
އަދި ރައްޔިތުން ބޭނުންވަނީ އެ ސްކޫލުގައި ހުރި ދުވަސްވީ ގަހެއް ކަނޑާލުމަށް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
އެރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ސްކޫލުގައި ރޫހާނީ ކަންކަން ހިނގާތާ 20 އަހަރުވެފައިވީއިރުވެސް އެކަމަށް އެއްވެސް ފިޔަވަޅެއް އެޅިފައި ނުވުމެވެ.
އެ ރަށުގެ ރައްޔިތަކު "ޖަޒީރާ ނިއުސް" އަށް މައުލޫމާތު ދެމުން ބުނީ އެކަމުގެ ޝަކުވާ ސްކޫލުގެ ޕްރިންސިޕަލްއަށްވެސް އެތައް ފަހަރެއްގެ މަތިން ހިއްސާކޮށްފައިވާނެ ކަމަށާއި ނަމަވެސް އެކަމަށް އެއްވެސް ހައްލެއް ލިބިފައި ނުވާ ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ޓީމެއް މިކަމާއި ގުޅިގެން ހޮނިހިރު ދުވަހު އެރަށަށް ޒިޔާރަތްކުރުމަށް ވަނީ ހަމަ ޖެހިފައެވެ. ރައްޔިތުން ވަނީ އެ މައްސަލަ ހައްލުކޮށްދޭ ނަމަ އެޑިޔުކޭޝަންގެ ޓީމަށް ތަޅު ހުޅުވާ ދޭނެ ކަމުގެ ޔަގީންކަން އަރުވާފައެވެ. އަދި އެޑިޔުކޭޝަންގެ ޓީމެއް އެރަަށަށް އަންނަ ދުވަހާއި ދިމާކޮށް ސްކޫލުގެ ޕްރިންސިޕަލް މާލެ އަންނަން އުޅޭ ކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ.
ތުޅާދޫ ރައްޔިތުން މިހާރުވެސް ސްކޫލުގައްޔާއި، އެރަށުގެ ކައުންސިލް އިދާރާ ކައިރީ އިހުތިޖާޖު ކުރަމުން ގެންދާއިރު، ރައްޔިތުން ބުނަމުން ގެންދަނީ މިހާރުން މިހާރަށް އެ މައްސަލަ ހައްލުކޮށްދިނުމަށް އެޑިޔުކޭޝަންގެ ޓީމެއް އެރަށަށް ފޮނުއްވައިދެއްވުމަށެވެ.