އެއީ މިދިޔަ އަހަރުގެ މި ދުވަސްވަރެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ އެންމެ ފޯރިގަދަ ދުވަސްވަރެވެ. ފިޔާތޮށި ކުލައާއި، ރީނދޫ ކުލައާއި، ރަތް ކުލައިގެ އިތުރުން ފެހިކުލައިން މުޅި ރާއްޖެ ޒީނަތްތެރިކުރި ދުވަސްވަރެކެވެ. ހަތަރު ސިޔާސީ ޕާޓީ އެކުވެގެން ބޮޑު ކޯލިޝަނަކާއި އެކު ނިކުތީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލު ކުރުމަށެވެ. ނަމަވެސް އެންމެ ފަހުވަގުތާއި ހަމައަށްވެސް ޔަޤީން ކަމާއިއެކު ރައީސް ޔާމީން ވިދާޅުވަމުން ގެންދެވީ ދިވެހި ރައްޔިތުން އެމަނިކުފާނު ދެވަނަ ދައުރަކަށް އިންތިހާބު ކުރައްވާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނާއި ވާދަކުރައްވަން އިދިކޮޅު ކޯލިޝަނުން ނެރުއްވީ އެއިރު ހިންނަވަރު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އިބްރާހިމް މުހައްމަދު ޞާލިހުއެވެެ. ފޯރިގަދަ ކެމްޕޭނަކާއި އެކު މާލެ ފަތަޙަ ކުރުމަށް ފަހު ހުޅުމާލޭއަށް އެމަނިކުފާނު އެރުއްވީ ހުޅުމާލޭގެ ރައްޔިތުންނާއި ބައްދަލުކޮށް، އެރައްޔިތުންގެ ހާލު އޮޅުން ފިލުވާލެއްވުމަށެވެ. ރިޔާސީ ކެންޑިޑޭޓެއްގެ ހައިސިއްޔަތުންނެވެ. ނަމަވެސް އެ ދަތުރުފުޅުގައި ކަންކަން ހިނގާދިޔައީ ހީކުރި ގޮތާއި ހިލާފަށެވެ.

ކޯލިޝަން ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހު، 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހު ކެންޕޭން ޓީމާއި އެކު ހުޅުމާލެއަށް ޒިޔާރަތް ކުރެއްވުމުން، އެމަނިކުފާނުގެ ހަށިކޮޅަށް ހަމަލާދޭން ރައީސް ޔާމީންގެ ސަޕޯޓަރުންތަކެއް މަސައްކަތް ކުރިއެވެ. އެ ދުވަހުގެ ފޮޓޯތަކާއި މަންޒަރުތައް މީސް މީޑިޔާގައި މިހާރުވެސް އެހުރީ ފެންނާށެވެ. އެ މީހުން މަސައްކަތް ކުރީ ސީދާ އިބްރާހިމް މުހައްމަދު ޞާލިހަށް ހަމަލާދޭން ކަން ވީޑިއޯތަކުންނާއި، ފޮޓޯތަކުން ހާމަވެއެވެ. ނަމަވެސް މި މައްސަލަ ފުލުހަށް ހުށަހެޅުމުން ވީ ގޮތެއް މިއަދާއި ހަމަައަށްވެސް ސާފެއް ނުވެއެވެ. މި މައްސަލައިގައި މީހަކު ހައްޔަރުކުރި ކަމެއްވެސް އަދި އަދަބެއް ދިން ކަމެއްވެސް އެނގޭކަށް ނެތެވެ. ނަމަވެސް މިފަދަ މައްސަލަތަކަކީ ދުނިޔޭގެ ތަހުޒީބު ޤައުމުތަކުގައި ބޮޑެތި އަދަބުތައް ދޭ އަދި ދީފައިވާ މައްސަލަތަކެވެ. އެކަމަށް ތާރީހު ހެކިވާނެއެވެ.

މިއަދު ފެންނަން އޮތް ހަޤީޤަތަކީ އެ ހަމަލާ ދިން މީހުން އަދިވެސް އެއްވެސް އަދަބެއް ނެތި މިނިވަންކަންމަތީ ސަރުކާރުގެ ކުންފުނިތަކުގައި ވަޒީފާގައި ތިބިކަމެވެ. އެދުވަހު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޞާލިހަށް ހަމަލާދޭން މަސައްކަތް ކުރި މީހާއާއި އޭނާގެ އާއިލާ (މަންމަ، ބައްޕަ އަދި އަންހެނުން) ވެސް ތިބީ އެޗްޑީސީގެ ވަޒީފާގައިކަން "ޖަޒީރާ ނޫހަށް" ވަނީ ވަރަށް އިތުބާރު ހިފޭ މަސްދަރަކުން ކަށަވަރުވެފައެވެ. އެޗްޑީސީއަކީ ރައީސް ޔާމީންގެ ކެމްޕޭން ދުވަސްވަރު ކެމްޕޭން ޓޫލެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ ކުންފުންޏެކެވެ. އެ ކުންފުނީގެ ތަކެތި ކެމްޕޭންގަައި ފާޅުގައި ބޭނުންކުރިއެވެ. އެ ކުންފުނިން ރައީސް ޔާމީންގެ ކެންޕޭންގައި ހަރަކާތްތެރިވި މީހުންނަށް ވަޒީފާ ދިނެވެ. މިއަދުވެސް އެޗްޑީސީގެ ވަޒީފާގައި ތިބި މެޖޯރިޓީ  މުވައްޒަފުންނަކީ ސީދާ ރައީސް ޔާމީންގެ ސަޕޯޓަރުންކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމި މިއަދު ދިވެހިން ތަޖުރިބާ ކުރަމުން މިދަނީ ކޯލިޝަންގެ ވެރިކަމެވެ. އާދެ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިމެވެ. ރައީޞް ޞާލިހުގެ ވެރިކަމަށް އަހަރެއްވާން ކައިރިވެފައިވާއިރު، މިހާރު އިދިކޮޅުގައި ތިބި ފަރާތްތައް އެންމެ އަޑަށް ބާރުލާފައި ދައްކާ ވާހަކައަކީ، މި ސަރުކާރުން ނުހައްޤުން މުވައްޒަފުން ވަޒީފާއިން ވަކިކުރާ ވާހަކެއެވެ. ނަމަވެސް ފެންނާން އޮތް ހަޤީޤަތާއި ދެކޮޅެއް ނުހެދޭނެއެވެ. މި ސަރުކާރުގެ އަމާޒަކީ ނުހައްޤުން ވަޒީފާއިން މީހުން ވަކިކުރުން ކަމުގައި ވަނީ ނަމަ ރައީސް ޞާލިހުގެ ހަށިކޮޅަށް ހަމަލާދޭން މަސައްކަތް ކުރި ހުސެއިން ރައުޝަންއާއި އޭނާގެ މުޅި އާއިލާއަށް ސަރުކާރުގެ ކުންފުންޏެއްގައި މިއަދުވެސް ވަޒީފާގައި ތިބެވުނީސް ތޯއެވެ؟

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.