ވީނުވީއެއް ނޭނގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުނު މައްސަލައާއި ގުޅިގެން، މަރާލެވިފައިވާ މީހުންނާއި، ގެއްލުވާލެވިފައިވާ މީހުންގެ މައްސަލަތައް ތަހުޤީޤު ކުރާ ރިޔާސީ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިޕޯޓް އާއްމުކުރާނީ، އެ މައްސަލައިގައި ތުހުމަތު ކުރެވޭ އެންމެހާ ފަރާތްތައް ހައްޔަރުކުރުމަށް ފަހުގައި ކަމަށް އެ ކޮމިޝަންގެ ރައީސް، އަދި މަޝްހޫރު ޤާނޫނީ ވަކީލް ހުސްނު ސުއޫދު ވިދާޅުވެއްޖެއެވެ.
ސުޢޫދު މިހެން ވިދާޅުވީ، ރިލްވާނުގެ މައްސަލައިގައި ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިޕޯޓު އާއްމު ކުރުމާއި ގުޅޭ ގޮތުން "ވީޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައެވެ.
ނަމަވެސް އެ މައްސަލައާއު ގުޅޭ މާބޮޑު ތަފްސީލެއް ސުޢޫދު ނުދެއްވައެވެ.
ނޫސްވެރިިޔާ އަހުމަދު ރިލްވާން ވަގަށް ނަގައި ގެއްލުވާލި މައްސަލަ އާއި ދީނީ ޢިލުމުވެރިޔާ ޑރ. އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައިގައި ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިޕޯޓު ރައީސުލްޖުމުހޫރިއްޔާއަށް މިހާރު ވަނީ ފޮނުވާފައެވެ.
މަރުތަކާއި ގެއްލުވާލެވިފައިވާ މީހުންގެ މައްސަލަތައް ތަހުޤީޤު ކުރާ ކޮމިޝަނުން އެންމެ ފަހުން ބުނެފައި ވަނީ ރިލްވާންގެ މައްސަލަ އާއި އަފްރާޝީމްގެ މައްސަލަ ބްލޮގަރު ޔާމީން ރަޝީދު މައްސަލަ ވެސް ގުޅިފައިވާ ކަމަށެވެ.