ޚަބަރު
600 އަށްވުރެ ގިނަ ކުދިންނާއި މީހުން ތެލްސީމިއާގެ ފަރުވާ ހޯދާ: ޝިރުނާ

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދިވެހިރާއްޖޭގައި 600 އަށްވުރެ ގިނަ ކުދިންނާއި މީހުން ތެލްސީމިއާ ބަލީގެ ފަރުވާ ހޯދަމުންދާ ކަމަށް މޯލްޑިވިއަން ބްލަޑް ސާވިސް އާއި ހަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރު އައިމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގްވާމީ ތެލެސީމިއާ ދުވަސް ފާހަގަކުރުމަށް ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝިރުނާ ވިދާޅުވީ، ބައިނަލް އަގްވާމީ ފެންވަރުގައި ކަމެއް ފާހަގަ ކުރުމަކީ އެކަމަށް ދެވިފައިވާ އަހައްމިއްޔަތުގެ ބޮޑުކަން ހާމަވެގެންދާ ކަމެއް ކަމަށެވެ. އެގޮތުން މެއި މަހުގެ 8 ވަނަ ދުވަހު ދުނިޔޭގެ ފެންވަރުގައި ތެލްސީމިއާ ދުވަސް ފާހަގަ ކުރާއިރު، ރަސްމީ ގޮތެއްގައި ރާއްޖޭގައި މިދުވަސް ފާހަގަ ކުރަނީ އެކަމުގެ ބޭނުންތެރިކަން ބޮޑުކަމުން ކަމަށް ވެސް ޝިރުނާ ފާހަގަކުރެއްވި އެވެ.

ހިތާމައަކީ ދުވަހެއް ދުވަހަކަށް ތެލެސީމިއާ ފަރުވާ ހޯދާ ފަރާތްތައް މަދުނުވުން

މިފަދަ ދުވަހެއް ފާހަގަ ކުރާއިރު މިކަމާ މެދު ވިސްނާ ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށްވެސް ޝިރުނާ ވިދާޅުވި އެވެ.

ޝިރުނާ ވިދާޅުވީ މިސަރުކާރުގެ ހަފްތާ 14 ގެ ތެރޭގައި ފެބްރުއަރީ 1 ވަނަ ދުވަހު ފެށުނު ތެލްސީމިއާ ކޮންޓްރޯލް ކުރުމުގެ ގައުމީ ކެމްޕެއިން އަކީ ތެލްސީމިއާ ކޮންޓްރޯލް ކުރުމަށާއި މިކަމަށް ބޭނުންވާ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ދީފައިވާ އަހައްމިއްޔަތުކަން ހާމަ ކޮށްދޭ ކަމެއް ކަމަށެވެ.

ކެމްޕެއިން ދަށުން މިހާރު ދެމުންގެންދާ ފަރުވާ އިތުރަށް ހަރުދަނާ ކުރުމާއި ހޭލުންތެރިކުރުމަށް ހިންގާ ޕޮގްރާމްތައް ފުޅާ ކުރެވެމުން ދިޔަ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ތެލްސީމިއާ ބަލި ކޮނަޓްރޯލް ކުރުމަށާއި އެ ބަލި ތަހައްމަލު ކުރާ ކުދިންނަށް ދިމާވާ ދަތިތައް ހައްލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ ހާއްސަ ސަމާލުކަމަކީ މިކަމަށް ލިބުނު އިތުރު ހިތްވަރެއްކަން ފާހަގަ ކުރައްވާ ޝިރުނާ ވިދާޅުވީ ތެލްސީމިއާގެ ފަރުވާ އާއި ގުޅުން ހުރި ގިނަ ކުރިއެރުން ތަކެއް ހޯދިފަ ވާއިރު ކުރިއާ އަޅާ ބަލާއިރު ރާއްޖޭގައިވެސް މިކަމަށް ދެވޭ ފަރުވާ އިތުރުވެ ތެލެސީމިއާ ކުދިންގެ އެވްރެޖު އުމުރު މަތިވެފައި ވުމަކީ މިކަމަށް ލިބިފައިވާ ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ.

މިސަރުކާރުގެ ސިޔާސަތުތަކާއި އެމަނިކުފާނުގެ ވައުދުފުޅުތައް ބައްޓަންވެފައިވަނީ ތެލްސީމިއާގެ ހިދުމަތްތައް ހަރުދަނާ ކުރެވޭނެ ފަދަ ގޮތްތަކަށް ކަން ފާހަގަ ކުރައްވަމުން ޝިރުނާ ވަނީ ރައީސް މުއިއްޒު އަށް ޝުކުރު އަދާކޮށްފަ އެވެ. މީގެ އިތުރުން ސިއްހީ ވުޒާރާގެ ވަޒީރު ޑރ. އަބްދުﷲ ހަލީލް ދެއްވާ އެއްބަރުލުން ފާހަގަ ކުރައްވާ އެމަނިކުފާނަށްވެސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ބޯންމެރޯ ޓްރާންސްޕްލާންޓޭޝަން ހެދުމުގެ ފަރުވާ ފޯރުކޮށްދިނުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި އެވުޒާރާގެ ހުރިހާ މުވައްޒަފުން ދެއްވާ އެހީތެރިކަމަށް ވެސް ސްޓޭޓް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

 

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top