ވީޓީވީގެ ނޫސްވެރިއެއްގެ ސައިކަލު ވަގަށް ނެގި ބަޔަކު ސައިކަލާއި އެކު އަތުލައިގަނެފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ވަގަށް ނަގާފައިވަނީ ވީޓީވީގެ ސްޕޯޓްސް ޖާނަލިސްޓް އިސްމާއިލް ޝާހްގެ ސައިކަލެވެ. އަދި އެ ސައިކަލު ވަގަށް ނަގާފައިވަނީ އިއްޔެ މެންދުރުގެ ވިލިމާލޭ ޓާމިނަލް ކައިރީގައި ޕާކުކޮށްފައި ހުށްޓައެވެ.
ޝާހް ވަނީ ރޭގެ ވަގުތެއްގައި ވަގަށް ނެގި އޭނާގެ ސައިކަލު ފެނިފައިވާ ކަމަށް ބުނެފައެވެ. އެގޮތުން ޝާޙް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ސައިކަލު ފެނިއްޖެ ކަމަށާއި، ސައިކަލު ވަގަށް ނެގި މީހުން އަތުލައިގަތީ ރެޑް ހޭންޑެޑްކޮށް ކަމަށެވެ. އަދި އޭނާގެ ސައިކަލު ވަގަށް ނެގި މީހުންނަކީ މީގެ ކުރިންވެސް އެކި ފަހަރު މަތިން ސައިކަލު ވަގަށް ނަގާފައިވާ މީހުން ކަމަށް އޭނާ ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހެޅިކަމެއް ނުވަތަ ނޫންކަމެއް އަދި ކަށަވަރުވެފައެއް ނުވެއެވެ.
ސައިކަލު ވަގަށް ނެގުމަކީ މާލޭގައި އާއްމު ކަމެކެވެ.