އެމްޑީޕީގެ ސަރުކާރުގައި އިންޑިއާގެ ޖީއެމްއާރް ކުންފުނިން ދިވެހި ދައުލަތަށް ދެއްކި 21 މިލިއަން އެމެރިކާ ޑޮލަރަށް ވީ ގޮތް ސަރުކާރުން ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ސާފުކޮށްދެއްވަން ޖެހޭ ކަމުގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށަހެއްޅުއްވި ވިސްލްބްލޯގެ ބިލަށް ބަހުޝް ކުރައްވަމުން ޝިޔާމް ވިދާޅުވީ، ވިސްލްބްލޯ ކުރާ ފަރާތްތަކަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.

އަދި ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާއިރު، އެމްޑީޕީގެ ވެރިކަމުގެ ތިން އަހަރު ދުވަހުގެ ތެރޭގައި އެކި އެކި މުވައްސަސާތަކުން 14.2 ބިލިއަން ރުފިޔާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އެމްޑީޕީގެ ވެރިކަން ފެށިގެން އައިސް މަނިކުފާނު ވެރިކަމުން އިސްތިއުފާ ދެއްވުމާއި ހިސާބަށްވެސް އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ މިކަހަލަ އިނގިލިތައް ދިއްކުރެވިގެން ދިޔަ އެތައް ކަމެއް. އެވީ ކުޑަދުވަސްކޮޅުގެ ތެރޭގައި 14.2 ބިލިއަން ރުފިޔާއަށް ހިޔާނާތްތެރިވިކަން އެކި އެކި މަސްދަރުތަކުން އަޅުގަނޑުމެންނަށް ފެނިފައި އޮތީ" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ޤައުމުގައި ކުރާ ހުރިހާ ވައްކަންތަކާއި ފަސާދައިގެ އިނގިލި އެއިރެއްގައި ހުންނަ ރައީސަކަށް ދިއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"އެއީ މަނިކުފާނު އެކަން ކުރެއްވީއެކޭ ނޫން އަޅުގަނޑު މި ދަންނަވަނީ. މިއީ މީގެ ނުރައްކާތެރިކަމަކީ! ސަރުކާރަކުން، ވުޒާރާއެއްގެ ވަޒީރެއް ވިޔަސް ކުންފުންޏެއްގެ އެމްޑީއެއްވިޔަސް އަދި ކުންފުންޏެއްގެ މުވައްޒަފެއްވިޔަސް ވައްކަމެއް ނުވަތަ ހިޔާނާތެއް ވެއްޖެ ނަމަ އަބަދުވެސް އިނގިލި ދިއްކުރެވޭތަން މިއަންނަނީ އެއިރެއްގައި އޮންނަ ރައީސަކާއި ދިމާލަށް. އަޅުގަނޑު ނޭދެން އެމްޑީޕީ ސަރުކާރުގައި ކުރެވިފައި ހުރި ވައްކަންތަކުގެ އިނގިލިތައް މަނިކުފާނާއި ދިމާއަށް ދިއްކުރެވޭކަށް." މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އިޝާރާތް ކުރައްވާ ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ އެއަރޕޯޓް ޖީއެމްއާރަށް ދިން ޑީލްގައި ޖީއެމްއާރުން ދިވެހި ދައުލަތަށް ދެއްކި ފައިސާގެ ތެރެއިން 21 މިލިއަން ޑޮލަރު މަދުވާ ކަމަށާއި، އެފައިސާއަށް ވީ ގޮތް ރައްޔިތުންނަށް އެގެން ޖެހޭ ކަމަށެވެ.

"މިދައްކަނީ 325 މިލިއަނެއްހާ ރުފިޔާ މަދުވެގެން ދިޔަ ވާހަކަ އެބޭފުޅުންގެ އޮޑިޓް ރިޕޯޓްގައި އެގޮތައް އޮތް. އެހެން ނަމަވެސް އަޅުގަނޑުމެންގެ ދައުލަތަށް އެފައިސާ ލިބުނު ކަމަކަށް ނެތް. މިއީ ރައްޔިތުން ސުވާލު އުފައްދާނެ ކަންކަން" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ޤައުމުގައި ކުރާ ބޮޑެތި ވައްކަން ތަކާއި ކޮރަޕްޝަންތަކުގެ މައްސަލަތައް ބަލައި އެފަރާތްތަކަށް ހައްޤު އަދަބު ދޭން ޖެހޭ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.