ދައުލަތުން 65 އަހަރުން މަތީގެ މުސްކުޅިންނަށް މިހާރު ދެމުން އަންނަ 5،000 ރުފިޔާ 10،000 ރުފިޔާއަށް އިތުރުކުރުމަށް މާދަމާގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުންދޭ އިނާޔަތް ބޮޑުކުރުމުގެ ބިލަށް ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ ނުކުޅެދޭ މީހުންނަށް ރަނގަޅަށް ކަންތައް ކުރުމަކީ އެއްލައްކަ ރުފިޔާ ހަރަދުކޮށްގެން ނަމަވެސް ދައުލަތުން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
އަދި ނުކުޅެދޭ މީހުންގެ އިތުރުން ޓީޗަރުންނާއި މުސްކުޅީންގެ އިނާޔަތް ބޮޑުކުރަން ޖެހޭ ކަމުގައިވެސް ޖާބިރު ވިދާޅުވިއެވެ.
"އަޅުގަނޑު މާދަމާ މި ހުށަހަޅަނީ އަނެއްކާ މުސްކުޅިންނަށް 10،000 ރުފިޔާއަށް ބަދަލުކުރަން" ޖާބިރު ވިދާޅުވިއެވެ.
65 އަހަރުން މަތީގެ މުސްކުޅިންނަށް ފުރަތަމަ އިނާޔަތެއް ދޭން ފެށީ ރައީސް ނަޝީދުގެ ވެރިކަމުގައެވެ. އެއިރު ދެމުން އައީ 2600ރ އެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި އެ އަދަދުވަނީ 5،000ރ އިތުރު ކޮށްފައެވެ.