މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ މާތްﷲ އަންގަވާ އަމުރުކުރައްވާފައިވާ ކަމެކެވެ. ﷲ އަށް އުރެދުމަށް ގޮވާނުލާ ކޮންމެ ހިނދެއްގައި މައިންބަފައިންގެ ބަހަށް ބޯލެނބުމަކީ ވާޖިބެކެވެ. މައިންބަފައިންނަކީ އެބައެއްގެ ފައިތިލަދަށުން ތިމާއަށް ސުވަރުގެ ދެވޭނެ މަގެއްވެސް މެއެވެ.

މައިންބަފައިންނަށް ދުނިޔެމަތީގައި އިހުސާންތެރިވުމުގެ އިތުރަށް އެބައިމީހުން މަރުވެ ދިޔުމަށް ފަހުވެސް ހެޔޮކޮށް ހިތަން ޖެހެއެވެ. މައިންބަފައިން މަރުވުމަށްފަހު އެބައިމީހުންނަށް ހެޔޮކޮށް ހިތާނެ ގޮތްތައް ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ އަންގަވާދެއްވާފައެވެ.

އަބޫ އުސައިދު މާލިކު ބުނު ރަބީޢަތުއްސާޢިދީގެ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަހަރެމެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުގައި ތިއްބާ، އެކަލޭގެފާނުގެ އަރިހަށް ބަނީ ސަލަމާގެ މީހަކު އައެވެ. އަދި އޭނާ ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. އަޅުގަނޑުގެ މަންމައާއި ބައްޕަ މަރުވުމަށްފަހު އެދެމީހުންނަށް ހެޔޮކޮށްހިތާނެ ގޮތެއް ބާކީ އެބައޮތްތޯއެވެ؟ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. "އާނއެކެވެ. އެއީ އެދެމީހުންނަށްޓަކައި ހެޔޮދުޢާކުރުމާއި، އެދެމީހުންގެ ފާފަފުއްސެވުންއެދި ދެންނެވުމާއި، އެދެމީހުން ކޮށްފައިވާ ޢަހުދުތަކަށް އެދެމީހުން މަރުވުމަށްފަހުގައިވެސް ވަފާތެރިވުމާއި، އެދެމީހުންނާއި ލައިގެން ނޫނީ ތިބާއަށް ނުގުޅޭނެ ގާތްތިމާގެ މީހުންނާއި ގުޅުން ބަދަހި ކުރުމާއި، އެދެމީހުންގެ ރަޙްމަތްތެރިންނަށް މާތްކޮށް ހިތުމެވެ. [1]"

ރަސޫލުﷲ  ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘް ކުރައްވާފައިވެއެވެ.

 (( إنَّ أبرَّ البِرِّ صِلَةُ الرَّجُلِ أهْلَ وُدِّ أبِيهِ )) 

މާނައީ؛ "އެންމެ މޮޅު ބިއްރަކީ (އެބަހީ؛ މައިންބަފައިންނަށް އިޙްތިރާމް އަދާކުރުމުގެ ގޮތުން ކުރެވޭނެ އެންމެ މޮޅު ކަމަކީ) މީހާ އޭނާގެ ބައްޕަގެ ގާތްމީހުންނާ ގުޅުން ބަދަހި ކުރުމެވެ."

އެހެންކަމުން މައިންބަފައިން މަރުވުމަށް ފަހުވެސް އެބައިމީހުންނަށް ހެޔޮކޮށް ހިތަން އެބަޖެހެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *