3 ނޮވެންބަރ 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ މިރޭ ރާއްޖެ ގެނެސް ފުލުހުންގެ ފަރާތުން ލިޔެކިޔުންތައް ފުރިހަމަކުރުމަށްފަހު އޭނާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާއި ހަވާލުކުރުމަށް ނިންމައިފިއެވެ.

ފުލުހުން ވިދާޅުވީ ލުތުފީ މިރޭ މާލެ ގެނެސް، ފުލުހުންގެ ފަރާތުން ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު އޭނާ މިރޭ ކަރެކްޝަންސްއާ ހަވާލުކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި، ލުތުފީ ރާއްޖެ ގެނައުމަށް ހަމަޖެހިފައިވަނީ އެމިރޭޓްސް ފްލައިޓް (އީކޭ365) އިން މިރޭ 21:30 ގައި ފުލުހުންގެ ހާއްސަ ޓީމެއްގެ ބެލުމުގެ ދަށުން ކަމަށެވެ.

ލުތުފީ ފިލާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 16 ޖެނުއަރީ، 2010 ގައި ބޭސްފަރުވާއަށް އިންޑިއާއަށް ފޮނުވާލުމުންނެވެ. އޭގެ ފަހުން މިއަދާ ހަމައަށްވެސް ލުތުފީ ދިރިއުޅެމުން އައީ ސްރީލަންކާގައެވެ. ނަމަވެސް ލަންކާއަށް ދާދި ފަހުން ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން 1 މެއި 2019 ގައި ލުތުފީ ވަނީ އަމިއްލައަށް ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ހަވާލުވެފަ އެވެ. ނަމަވެސް ލުތުފީ އެމްބަސީގައި ހުރި ކަމެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. އެކަން ސަރުކާރުން ހާމަ ކުރީ އޭގެ ދެ މަސް ފަހުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެކަން ފަޅާ އަރުވައިލުމުންނެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ދިވެހިންގެ ބަޔަކު އިސްވެތިބެ ލަންކާގެ ޕްލޮޓް ޖަމާއަތާ ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވިއެވެ.

ލުތުފީ މިހާތަނަށް ޖަލު ހުކުމް ތަންފީޒުކޮށްފައި ވަނީ 21 އަހަރެވެ. އެހެންކަމުން މާފު ނުދެއްވައިފިނަމަ އޭނާ އަދި ހަތަރު އަހަރު ޖަލުގައި ހޭދަކުރަން ޖެހޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.