ރާއްޖޭގެ ސްކޫލުތަކުގެ ޓީޗަރުންގެ މުސާރަ ބޮޑުކުރުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ގޮވާލައްވައިފިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިނާޔަތް ބޮޑުކުރުމުގެ ބިލަށް ބަހުޝް ކުރައްވަމުން ޖާބިރު ވިދާޅުވީ، ނުކުޅެދޭ މީހުންގެ އެންމެހާ ކަންކަން ބެލެހެއްޓުމަކީ ކުޅެދޭ މީހުންގެ ޒިންމާއެއް ކަމަށެވެ.
"އަޅުގަނޑުމެން މިތާނގައި މިތިބި 87 މެންބަރުންނަކީ ކުޅެދޭ މީހުން. އެހެންކަމުން ކުޅެދޭ މީހުން ޖެހޭނީ ނުކުޅެދޭ މީހުންގެ އެންމެހާ ކަންކަން ބަލަހަށްޓަން" ޖާބިރު ވިދާޅުވިއެވެ.
އަދި ނުކުޅެދޭ ފަރާތްތަކަށް ދޭން ޖެހޭ އިނާޔަތްތައް ބޮޑުކުރަން ޖެހޭ ކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު އިތުރަށް ވިދާޅުވީ، ޓީޗަރުންނަކީ ޤައުމުގެ ތަރައްޤީގައި މުހިންމު ދައުރެއް އަދާ ކުރާ ބައެއް ކަމަށާއި އެހެންކަމުން ޓީޗަރުންގެ މުސާރަވެސް ބޮޑުކުރަން ޖެހޭ ކަމަށެވެ.
"ކީއްވެގެންތޯ ޓީޗަރުންގެ މުސާރަ ބޮޑު ނުކުރެވިގެން މިއުޅެނީ. ޓީޗަރުންގެ މުސާރަވެސް ބޮޑުކުރަން އެބަޖެހޭ" ޖާބިރު ވިދާޅުވިއެވެ.
މީގެ އިތުރުން ޖާބިރު ވަނީ މުސްކުޅިންގެ އިނާޔަތް ބޮޑުކުރުމަށްވެސް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.