ޚިދުމަތް ހުއްޓާލާފައި ތިބި ބްރޯޑްކާސްޓަރުން އެ ޚިދުމަތް އަލުން ނުފަށައިފިނަމަ ލައިސަންސް ބާތިލްކުރުމަށް ކޯޓަށް ހުށަހަޅަން ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމައިފިއެވެ.

ބްރޯޑްކޮމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިހާރު ޚިދުމަތް ހުއްޓާލާފައިވާ 16 ޓީވީ އަދި 6 ރޭޑިއޯ ޗެނެލެއްގެ ވެރިފަރާތްތަކަށް ވަކި ވަކީން އެކަން މިހާރު އަންގާފައިވާކަމެވެ.

ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 25 ވަނަ މާއްދާގެ (ހ) ގައި ވަނީ ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތްދިނުމުގެ ލައިސަންސް ދޫކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން، އެ ޚިދުމަތް ފޯރުކޮށްދޭ ފަރާތުން އެ ޚިދުމަތެއް ހުއްޓައިލާނަމަ، އެ ހުއްޓައިލާ ޗެނަލުގެ މަޢުލޫމާތާއެކު ސަބަބު ބަޔާންކޮށް އަދި ލިބިފައިވާ ލައިސަންސްގެ ދަށުން އެހެން ޗެނަލެއް ފަށާނަމަ، އެކަމުގެ މަޢުލޫމާތު މަދުވެގެން 15  ދުވަހުގެކުރިން ކޮމިޝަނަށް އެކަން އަންގަންވާނެ ކަމަށް ބުނެފައެވެ.

އަދި އެ މުއްދަތުގެ ތެރޭގައި އެކަން އާންމުކޮށް އިޢުލާނުކުރަންވާނެކަމާއި އަދި އެއީ ޚިދުމަތް ލިބިގަންނަ ފަރާތް އެނގޭގޮތަށް ދެވޭ ޚިދުމަތެއްނަމަ، ސީދާ އެފަރާތްތަކަށް އެކަން އެ މުއްދަތުގައި އަންގަންވާނެ ކަމަށްވެސް ގަވައިދުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މި ފަދައިން ޚިދުމަތް ހުއްޓާލާފައި ބޭއްވޭނެ އެންމެ ދިގު މުއްދަތަކީ 180 ދުވަސް ކަމާއި، ލިބިފައިވާ ލައިސަންސްގެ ދަށުން އެހެން ޗެނަލެއް ނުފަށާނެކަމަށް ކޮމިޝަނަށް އަންގައިފިނަމަ، ނުވަތަ ޚިދުމަތް ހުއްޓައިލުމަށްފަހު، އެހެން ޚިދުމަތެއް ނުފަށާ 180 ދުވަސް ވެއްޖެނަމަ، ލައިސަންސް ލިބިފައިވާ ފަރާތުގެ ލައިސަންސް ހިފެހެއްޓުމަށްފަހު، ލައިސަންސް ބާޠިލުކުރުމަށް ކޯޓަށް ހުށަހެޅޭނެކަމަށް ވެސް އެ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.