ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާފަންނު ގެޔަކަށް ވަދެ ފުލުހުން ބާރުގެ ބޭނުން ކޮށް އަނިޔާ ކުރި މައްސަލައިގަ އިހުމާލުވާ ފުލުހުންނާއި ދޭތެރޭ ވެސް އަމަލުކުރާނީ އިންސާފުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން އަބްދުﷲ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަރުކާރުން އަނިޔާވެރިކަމާއި ނާއިންސާފު ބަލައެއް ނުގަންނާނެ ކަމަށާއި، އަދި އަނިޔާވެރިކަމާއި ދެކޮޅަށް މަސައްކަތް ކުރާއިރު، އެއްވެސް އޮފިސަރަކާ ދެކޮޅަށްވެސް އިންސާފުން ބޭރުން ފިޔަވަޅެއް ނާޅާނެ ކަމަށެވެ.
މިނިސްޓަރު ވަނީ އެމައްސަލައިގެ ތަހްގީގުތައް ކުރިއަށް ދާއިރު، ދޮގު މައުލޫމާތު ނުފެތުރުމަށް ފުލުހުންނަށްވެސް އަދި އާއްމުންނަށްވެސް އިލްތިމާސްކުރައްވާފައެވެ.
އެ އޮޕަރޭޝަންގައި މ. އުޖާލާގެއިން ވަނީ ގާތްގަނޑަކަށް 461 ގްރާމްގެ މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި އަތުލައިގަންފަ ކަމަށް ފުލުހުން ވިދާޅުވިއެވެ.