ޖޫން މަހު ގިނަ ބަޔަކު އިންފްލްއެންޒާ އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭ އިން އާއްމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު ޖޫން މަހު 216 މީހުން އިންފްލްއެންޒާއަށް ޓެސްޓް ކުރިއިރު އޭގެ ތެރެއިން 99 މީހުން ޕޮޒިޓިވް ވިއެވެ. އަދި މެއި މަހު 60 މީހުން އިންފްލްއެންޒާއަށް  ޓެސްޓް ކުރިއިރު ޕޮޒިޓިވްވީ ހަ މީހުންނެވެ.

މިއަހަރު މިހާތަނަށް އިންފްލްއެންޒާއަށް 645 މީހުން ޓެސްޓް އޭގެ ތެރެއިން 144 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. 

މިހާރު ފެތުރެމުން ދަނީ އިންފްލްއެންޒާގެ ކޮންވައްތަރެއް ކަމެއް އެޗްޕީއޭ އިން ހާމައެއް ނުކުރެއެވެ. 

އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މެއި މަހު އަރިދަފުސް ރޯގާ ޖެހިގެން 14944 މީހުން ޑޮކްޓަރަށް ދެއްކިއިރު ޖޫން މަހު އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދެއްކީ 19653 މީހުންނެވެ.

މީގެ އިތުރުން ބޭރަށް ހިންގުންވެސް އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި ޑެންގޫ އާއި ޗިކަންގުންޔާ ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދައްވަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ޑެންގޫ ޖެހިގެން މެއި މަހު 462 މީހުން ޑޮކްޓަރަށް ދެއްކިއިރު ޖޫން މަހު 333 މީހުން ޑޮކްޓަރަށް ދެއްކިއެވެ. ޗިކަންގުންޔާ ޖެހިގެން މެއި މަހު 328 މީހުން ޑޮކްޓަރަށް ދެއްކިއިރު ޖޫން މަހު 96 މީހުން ޑޮކްޓަރަށް ދެއްކިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.