ހައްދުންމަތީ ރަށަކަށް ނިސްބަތްވާ އަންހެނަކު އޭނާގެ ދަރިފުޅު ކޮޅުމަޑުލުގެ ރަށަކަށް ނިސްބަތްވާ ދެމެފިރިންނަށް ވިއްކާލި ކަމަށްބުނާ މައްސަލައެއް ފެންމަތިވީ އިއްޔެގެ ވަގުތެއްގައެވެ. އެއާއި އެކު އެކި ފަރާތްތަކުން އެކި ގޮތައް ވާހަކަ ފަތުރަމުންދަނިކޮށް ފުލުހުން ރޭ ވިދާޅުވީ، އެ ފަދަ މައްސަލައެއް ތަހުޤީޤު ކުރަމުން އަންނަ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން "ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެމުން ވިއްކާލި ކަމަށްބުނާ ކުއްޖާގެ މަންމަ ބުނީ، އެ ކުއްޖާ ވިއްކާލީ ނޫން ކަމަށާއި، އެ ކުއްޖާގެ ޤާނޫނީ ބެލެނިވެރިކަން އެހެން ފަރާތަކާއި ހަވާލު ކުރީ ކަމަށެވެ.
އަދި މީގެ ކުރިންވެސް އެފަދައިން ދަރިއެއްގެ ޤާނޫނީ ބެލެނިވެރިކަން މީހަކާއި ހަވާލުކޮށްފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.
"އަޅުގަނޑުވާނެ މީގެ ކުރިންވެސް ހަތަރު އަހަރުގެ އަންހެން ދަރިއެއް އެހެން މީހަކާއި ހަވާލުކޮށްފައި، އެފަހަރު އެކުއްޖާ ހަވާލުކުރީ މާލޭގައި ދިރިއުޅެމުން އަންނަ ބ އަތޮޅުގެ ރަށަކަށް ނިސްބަތްވާ ފުލުހަކާއި" އޭނާ ބުންޏެވެ.
އަދި އެ ކުއްޖާ އެފުލުސްމީގާގެ ދެމެފިރިންނާއި ހަވާލު ކުރީ އެ ދެމެފިރިންނަކީ ކައިވެންޏެއްކޮށްގެން ދަރިއަކު ލިބިފައި ނުވާ ދެމެފިރިންނަށް ވެފައި، އެމީހުން ކުއްޖަކަށް އިންތިހާއަށް ބޭނުންވެފައި ހުރުމުން ކަމަށް އޭނާ ބުންޏެވެ.
"އެދެމެފިރިންނަށް ދަރިއަކު ނުލިބޭ. އަޅުގަނޑު އެދެމެފިރިންނާއި އެކުއްޖާ ހަވާލުކުރީ މިރަށުގައި ދިރިއުޅޭ ފުލުހެއް މެދުވެރިވެގެން. އެ ދެމެފިރިން ބުނި ކޮންމެ މަހަކު ހަދިޔާއެއްގެ ގޮތުގައި 1000 ރުފިޔާ ދޭނަމޭ. ނަމަވެސް މިއަދާ ހަމައަށްވެސް އަޅުގަނޑަކަށް އެއްވެސް ރުފިޔާއެއް ލިބިފައެއް ނުވޭ" ކުއްޖާގެ މަންމަ ބުނެފައިވެއެވެ.
ވިއްކާލި ކަމަށް ބުނާ ކުއްޖާގެ މަންމަ މާލޭގައި ދިރިއުޅެމުން އަންނަ ފުލުހަކާއި އޭނާގެ އެހެން ދަރިއަކު ހަވާލުކޮށްފައިވަނީ އެ ކުއްޖާގެ އުމުރުން ހަތަރު އަހަރުގައެވެ.