ރާއްޖެއިން އެމެރިކާއަށް އަލަށް ކަނޑައެޅި ސަފީރު، ތިލްމީޒާ ހުސައިން އޭނާގެ ސަފީރުކަމުގެ ފަތްކޮޅު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް އަރުވައިފި އެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ކުރިއަށް ދިޔައީ އިއްޔެ ވައިޓް ހައުސްގަ އެވެ.
ޓްރަމްޕަށް ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހު ތިލްމީޒާ ކުރެއްވި ޓުވީޓެއްގައި، ވަނީ އެމެރިކާއިން ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށާއި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ދެމުންގެންދާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.
ތިލްމީޒާ މީގެ ކުރިން ވަނީ، ޕާމަނަންޓް މިޝަން އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް ޓު ދަ ޔުނައިޓެޑް ނޭޝަންސްގެ ޑެޕިޔުޓީ ޕާމެނެންޓް ރެޕްރެޒެންޓޭޓިވް ކަމާއި، އެމެރިކާއާއި ކެނެޑާއަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް ޑެޕިޔުޓީ އެމްބެސެޑަރު ގެ މަގާމު ވެސް އަދާ ކުރައްވާފައެވެ.
އެމެރިކާގެ ކޮލޮރާޑޯ ޓެކްނިކަލް ޔުނިވާސިޓީއިން މާސްޓާ އޮފް ސައިންސް އިން ބިޒްނަސް މެނޭޖްމަންޓް ހާސިލްކުރައްވާފައިވާ ތިޒްމީޒާ އަކީ ރާއްޖެއިން އެމެރިކާއަށް ކަނޑައެޅި ފުރަތަމަ އަންހެން ސަފީރެވެ.