ރާއްޖޭގެ ދެކުނުގެ އަތޮޅަކުން އެއަތޮޅާއި ޖެހިގެން އޮންނަ އަތޮޅުގެ ރަށެއްގެ ދެމެފިރިއަކަށް 30،000 ރުފިޔާއަށް ތުއްތު  ކުއްޖަކު ވިއްކާލައިފައިވާ ވާހަކައަކީ އެއްވެސް ހަޤީޤަތެއް އޭގައި އެކުލެވިގެންވާ ވާހަކައެއް ނޫން ކަމަށް އިތުބާރު ހުރި މަސްދަރަކުން "ޖަޒީރާ ނިއުސް"އަށް މައުލޫމާތު ލިބިއްޖެއެވެ.

"ޖަޒީރާ ނިއުސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ތުއްތު ކުއްޖާއަކީ ހައްދުންމަތީގެ ރަށަކަށް ނިސްބަތްވާ އަންހެނަކަށް ކައިވެންޏަކާއި ނުލައި ލިބިފައިވާ ކުއްޖެކެވެ. އަދި އެ އަންހެން މީހާއަށް ތުއްތު ކުއްޖާ ބެލުމުގެ މާލީ ތަނަވަސްކަން ނެތުމުން ކޮޅުމަޑުލުގެ ރަށެއްގެ ދެމެފިރިންނަށް އެކުއްޖާގެ ޤާނޫނީ ބެލެނިވެރިކަން ހަވާލު ކުރީއެވެ. އަދި ކުއްޖާ އެ ދެމެފިރިންނާއި ހަވާލުކޮށްފައިވަނީ ޝަރުއީ ހަމަތަކުގެ މަތީން، ކޯޓުން ފުރިހަމަ ކުރަން ޖެހޭ އިޖުރާތްތައް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. މީގެ އިތުރުން ކުއްޖާއާއި ހަވާލުވި ފަރާތުން އެ ކުއްޖާގެ މަންމައަށް ޞަދަޤާތެއްގެ ގޮތުގައި 30،000 ރުފިޔާ ދީފައިވާ ކަމަށާއި، އެއީ އެއްވެސް ހާލެއްގައި ކުއްޖާގެ އަގުގެ ގޮތުގައި ދިން ފައިސާއެއް ނޫން ކަމުގެ މައުލޫމާތުވެސް ލިބިފައިވެއެވެ.

މި ކަމާއި ގުޅިގެން "ޖަޒީރާ ނިއުސް"އިން އެ ކުއްޖާގެ މަންމައަށް ގުޅާލުމުން ބުނީ، އެހެން ރަށެއްގެ ދެމެފިރިންނާއި ތުއްތު ދަރިފުޅުގެ ޤާނޫނީ ބެލެނިވެރިކަން ހަވާލުކުރީ އޭނާއަކީ އަޅާލާނެ އެއްވެއް މީހެއް ނެތް ނިކަމެއްޗަކަށް ވުމުން ކަމަށެވެ.

"އަޅުގަނޑަކީ ވަރަށް ބޮޑު ނިކަމެއްޗެއް. ވަރަށް ދަތި ހާލުގައި އަޅުގަނޑު އުޅެނީ، އަޅުގަނޑުގެ ނެތް ދަރިއެއް ތަރުބިއްޔަތުކުރުމުގެ މާލީ ތަނަވަސްކަމެއް. އެހެންވެ އަޅުގަނޑު އެ ކުއްޖާ އެހެން ބަޔަކާއި ހަވާލު ކުރީ" ތުއްތު ކުއްޖާގެ މަންމަ ބުންޏެވެ.

އެ ތުއްތު ކުއްޖާ ދެމެފިރިންނާއި ހަވާލުކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

މި މައްސަލައާއި ގުޅިގެން އެ ކުއްޖާއާއި ހަވާލުވި އާއިލާ ދިރިއުޅެމުން އަންނަ ރަށުގެ ކައުންސިލުން ވިދާޅުވީ، މިއަދު ހަވީރުގެ ވަގުތެއްގައި ފުލުހުންނާއި އެކު ޖެންޑަރ މިނިސްޓްރީގެ ޓީމެއް އެރަށަށް އަރައި ތުއްތު ކުއްޖަކު ގެންގޮސްފައިވާ ކަމަށެވެ. 

މި މައްސަލައާއި ގުޅިގެން ޖެންޑަރ މިނިސްޓްރީން ބުނީ މިވަގުތަށް އަދި އެއްވެސް މައުލޫމާތެއް މީޑިޔާއާއި ހިއްސާ ކުރަން ބޭނުން ނުވާ ކަމަށެވެ.

ވިއްކާލި ކަމަށް ބުނާ ތުއްތު ކުއްޖަކީ 1 އަހަރާއި ދިހަ މަހުގެ އަންހެން ކުއްޖެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.