ދެކުނު އެމެރިކާގެ އެންމެ ޝަރަފުވެރި މުބާރާތްކަމަށްވާ ކޮޕާ އެމެރިކާގެ ފައިނަލްގައި 3-1 އިން ޕެރޫ ބަލިކޮށް ބްރެޒިލުން އެ މުބާރާތުގެ ތަށި، 12 އަހަރަށްފަހު އުފުލާލައިފިއެވެ.
މިއީ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ތަށި ބްރެޒިލުން ކާމިޔާބުކުރި ނުވަ ވަނަ ފަހަރެވެ.
މީގެއިތުރުން، ރޭގެ މެޗު ކާމިޔާބުކުރުމާއެކު، ބްރެޒިލްގެ ކޯޗު ޓީޓޭ ވަނީ ދެކުނު އެމެރިކާ ސަރަހައްދުގެ އެންމެ ބޮޑު ތިން މުބާރާތް ކާމިޔާބުކުރި ހަމައެކަނި ކޯޗުގެ ޝަރަފުވެސް ހޯދާފައެވެ. އެގޮތުން، 2012 ވަނަ އަހަރު ކޮރިންތިއަންސް އާއެކު ކޮޕާ ލިބަޓަޑޯރެސް ކާމިޔާބުކުރިއިރު، 2008 ވަނަ އަހަރު ވަނީ އިންޓަނެސިއޮނާލް އާއެކު ކޮޕާ ސުޑަމެރިކާނާ ވަނީ އުފުލާލައިފައެވެ.
ބްރެޒިލުން ރޭގެ މެޗަށް ނިކުތްއިރު، މި މުބާރާތުގެ ސެމީ ފައިނަލްގައި އެންމެފަހުން ވާދަވެރި އާޖެންޓީނާއާ ދެކޮޅަށް ކުޅެ 2-0 އިން މޮޅުވި މެޗުގެ ފުރަތަމަ އެގާރައަށް ބަދަލަށް ގެނެސްފައެއްނުވެއެވެ. ހަމަައެގޮތަށް، ޕެރޫ އިން ވެސް ރޭގެ މެޗަށް ނެރެފައިވަނީ އެންމެފަހުން ސެމީގައި ޗިލީ އަތުން 3-0 އިން މޮޅުވި މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ކުޅުންތެރިންނެވެ.
ރިއޯގެ އެސްޓާޑިއޯ މަރަކަނާގައި ކުޅުނު މި މެޗުގެ 15 ވަނަ މިނެޓުގައި ގެބްރިއެލް ޖެސޫސް ނަގައިދިން ރީތި ހުރަހަކުން އެވަޓަން ކާމިޔާބުކުރި ގޯލުން ބްރެޒިލް ވަނީ ލީޑްނަގާފައެވެ.
އެކަމަކު، ފުރަތަމަ ހާފު ނިމެން މިނެޓަކަށްވެފައިވަނިކޮށް ޕެރޫގެ ކެޕްޓަން ޕައޮލޯ ގަރޭރޯ ވައްދާލި ޕެނަލްޓީއާއެކު އެ ޓީމުން ނަތީޖާ ހަމަހަމަކުރިއެވެ. މިއީ ބްރެޒިލްގެ ޕެނަލްޓީއޭރިޔާތެރެއިން އެ ޓީމުގެ ޑިފެންޑަރު ތިއާގޯ ސިލްވާގެ އަތުގައި ބޯޅައިން ޖެހުމުން ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ގެ އެހީ ހޯދުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ.
ނަމަވެސް، މި ހާފުގެ އިތުރުވަގުތުގައި ބާސެލޯނާގެ އުއްމީދީ މިޑްފީލްޑަރު އާތުރް މެލޯ ދިން ޕާހަކުން ޖެސޫސް ވަނީ ބްރެޒިލަށް އަލުން ލީޑްނަގައިދީފައެވެ.
މެޗުގެ 70 ވަނަ މިނެޓުގައި ޕެރޫގެ ކާލޮސް ޒަމްބްރާނޯ އަށް ކުރި ފައުލަކަށް ބްރެޒިލްގެ ޖެސޫސް އަށް ދެވަނަ ރީނދޫކާޑަކާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުން އެ ޓީމަށް އުނދަގޫތައް ކުރިމަތިވިނަމަވެސް، ޕެރޫ އިން ލަނޑެއްޖެހިޔަނުދީ ވަނީ ހިފަހައްޓާފައެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ބްރެޒިލްގެ ތިންވަނަ ލަނޑު، މެޗުގެ އެންމެފަހު މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ މި ހާފުގައި ކުޅެން ނިކުތް ރިޗާލިސަން އެވެ. މިއީ އެ ޓީމުގެ އެވަޓަން އަށް ޕެރޫގެ ޒަމްބްރާނޯ ކުރި ފައުލަކަށް ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ.
ރޭގެ މެޗަށްފަހު ބްރެޒިލްގެ ފޯވާޑް ޖެސޫސް ވަނީ ރަތް ކާޑު ދެއްކުމުން އެކަމަށް ސަޕޯޓަރުންގެ ކިބައިން މައާފަށް އެދިފައެވެ. އެގޮތުން، ކުރިއަށްވުރެ ރަނގަޅަށް މިހާރު އޭނާ އަށް ވިސްނެންޖެހޭނެކަމަށް ގަބޫލުކުރާކަމަށްވެސް ވަނީ ބުނެފައެވެ.
ޕެރޫގެ ކޯޗު ރިކާޑޯ ގަރޭސާ ބުނީ، ބްރެޒިލަށް މޮޅުވުން ހައްގުކަމަށާއި، އެ ޓީމުން ލިބުނު ފުރުޞަތުތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފީކަމަށެވެ. އެކަމަކު، ޕެރޫގެ ފަރާތުން ފެނިގެންދިޔަ ކުޅުމަށް އޭނާ ވަނީ ތައުރީފްކޮށްފައެވެ.