އެފްރިކާ ކަޕް އޮފް ނޭޝަންސްގައި ރޭ ކުޅުނު މެޗުގައި 1-0 އިން ދެކުނު އެފްރިކާ އަތުން ބަލިވެ މުބާރާތް ބާއްވާ ގައުމު މިސްރު ކެޓިއިރު، އެންމެފަހުގެ ޗެމްޕިއަން ކެމަރޫން އަތުން 3-2 އިން މޮޅުވެ ނައިޖީރިއާ ވަނީ ކުއާޓާ ފައިނަލުން ޖާގަ ހޯދާފައެވެ.
މިއީ މި މުބާރާތް މިހާތަނަށް ފަސް ފަހަރު ބާއްވާފައިވާ މިސްރުން ނޮކްއައުޓް ސްޓޭޖުން ކެޓި ދެވަނަ ފަހަރެވެ. މީގެކުރީން، 1974 ވަނަ ޒައިރު އަތުން ވެސް އެ ޓީމު ވަނީ ބަލިވެފައެވެ.
ގާހިރާގެ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗު ފެށިގެންވެސް ދެކުނު އެފްރިކާގެ ފަރާތުން ފެނިގެންދިޔަ އަވަސް ޕާސްތަކާއި ކުރި ކައުންޓާ އެޓޭކްތަކުގެ ސަބަބުން މިސްރުގެ ޑިފެންސްލައިނަށް ވަނީ މައްސަލަތައް ކުރިމަތިވެފައެވެ.
އެގޮތުން، ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދެކުނު އެފްރިކާގެ ޕާސީ ޓައު ފޮނުވާލި ދެ ހަމަލާއެއް މިސްރުގެ ގޯލްކީޕަރު މުހައްމަދު އަލް ޝެނާވީ މަތަކުރިއިރު، މެޗުގެ ކުރީކޮޅު އެ ޓީމުގެ ތެމްބިންކޯސީ ލޯޗް ފޮނުވާލި ހަމަލާގެ ހުރަހަކަށްވީވެސް ޝެނާވީ އެވެ. އޭގެފަހުން، މި ހާފުގައި މިސްރަށް ލިބުނު ހަމައެކަނި ފުރުޞަތުގައި އެ ޓީމުގެ މުހައްމަދު ސަލާހު ދިން ބޯޅައަކުން މަހުމޫދު ޓްރެޒެގޭ ފޮނުވާލި ބޯޅަ ވަނީ ދެކުނު އެފްރިކާގެ ގޯލްކީޕަރު ރޮންވެން ވިލިއަމްސް ވަނީ މަތަކޮށްފައެވެ.
ދެވަނަ ހާފުގައިވެސް، މިސްރަށް މާގިނަ ފުރުޞަތުތަކެއް ތަނަވަސްކުރެވިފައިނުވާއިރު އެ ޓީމުގެ ޓްރެޒެގޭ ވަނީ ލީޑްނަގަން ލިބުނު ފުރުޞަތު ނަގާލާފައެވެ. ސަލާހު ތަނަވަސްކުރި ފުރުޞަތަކުން ލިބުނު ބޯޅަ ޓްރެޒެގޭ އަށް ރަނގަޅަށް ފޮނުވާލެވޭގޮތްނުވުމުން، ދެކުނު އެފްރިކާގެ ކީޕަރު ވިލިއަމްސް ވަނީ މަތަކޮށްފައެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ޖަހައިދިނީ ދެކުނު އެފްރިކާގެ ތެމްބިންކޯސީ ލޯޗް އެވެ. މިއީ އެ ޓީމުގެ ލީބޯ މޮތީބާ ތަނަވަސްކުރި ފުރުޞަތަކުން ލޯޗް ކާމިޔާބުކުރި ގޯލެކެވެ.
ރޭގެ މެޗަށްފަހު މިސްރުގެ އެފްއޭގެ ރައީސް ހާނީ އަބޫ ރީދާ ވަނީ އިސްތިއުފާދީފައެވެ. ބެލެވޭގޮތުގައި، އޭނާ މަގާމުން އިސްތިއުފާދިނީ މީޑިއާގެވެސް ޕްރެޝަރު ބޮޑުވުމުންނެވެ. މީގެއިތުރުން، މި ފަހަރުގެ މުބާރާތުގައި ލިބުނު ނާކާމިޔާބީއަށްފަހު އެ ޓީމުގެ ކޯޗު ހަވިއޭ އަގީރޭވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.
މި މުބާރާތުގެ ދެވަނަ ބުރުގައި ރޭ ކުޅެވުނު އަނެއް މެޗުގައި، ނައިޖީރިއާ ވަނީ 3-2 އިން ކެމަރޫން ބަލިކޮށްފައެވެ. ރޭގެ މެޗު ފެށިގެން 19 ވަނަ މިނެޓުގައި ނައިޖީރިއާގެ އޮޑިއޮން އިގާލޯގެ ގޯލުން ލީޑްނަގާފައިވަނިކޮށް، ފުރަތަމަ ހާފު ނިމެންދަނިކޮށް ސްޓެފާނޭ ބަހޮކެން އާއި ކްލިންޓަން ނިޖީ ކާމިޔާބުކުރި ގޯލުތަކުން ކެމަރޫން ވަނީ ނަތީޖާ 2-1 އަށް ބަދަލުކޮށްލާފައެވެ. މި ނަތީޖާގައި އޮވެގެން ފުރަތަމަ ހާފު ނިމުނުއިރު، ދެވަނަ ހާފުގައި އިގާލޯ އާއި އަލެކްސް އިވޯބީ ޖަހައިދިން ލަނޑުތަކުން ނައިޖީރިއާ ވަނީ މެޗު ކާމިޔާބުކޮށް، ކުއާޓާ އިން ޖާގަ ހޯދާފައެވެ.