އަންނަ އޯގަސްޓް މަހު ފެށުމަށް ހަމަޖެހިފައިވާ އިނގިރޭސި ޕްރިމިއާ ލީގުގެ ސީޒަނަށް ތައްޔާރުވުމަށްޓަކައި މެންޗެސްޓާ ޔުނައިޓެޑްގެ ސްކޮޑް ވަރުގަދަ ކުރުމަށްޓަކައި އަދި އިތުރު ކުޅުންތެރިން ގެންނާނެކަމަށް އެ ޓީމުގެ ކޯޗު އޮލެ ގުނާ ސޯލްޝެއާ ބުނެފިއެވެ.

"މިދިޔަ ސީޒަން ނިމުނުއްސުރެ އަހަރެމެން މިއައީ ސްކޮޑު މިހާރަށްވުރެ ވަރުގަދަ ކުރުމަށް އެކި ގޮތްގޮތުން މަސައްކަތްކުރަމުން. ޖޮއެލް ގްލޭޒާ އާއި އެޑް ވުޑްވާޑްގެ އިތުރުން ކުޅުންތެރިންގެ ރެކްރޫޓްމަންޓްއާ ގުޅުންހުރި ފަރާތްތަކާއި، އަދި އެނަލަސިސް ހަދާ ފަރާތްތަކާ ވެސް ބައްދަލުކޮށްފިން." މެންޔޫ ޓީވީ އަށް ދިން އިންޓަވިއުގައި ސޯލްޝެއާ ބުންޏެވެ.

"މިހާތަނަށް އައިއިރު، ޓްރާންސްފާ ބާޒާރުގައި އަހަރެމެންނަށް ވަރަށް ކާމިޔާބު. މިހާރުވެސް މިދަނީ އަދި އިތުރު ކުޅުންތެރިން ގެނައުމަށްޓަކައި ވަރަށް ބުރަކޮށް މަސައްކަތްކުރަމުން. އަދި އިތުރު ކުޅުންތެރިން ހޯދޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް." ސޯލްޝެއާ ބުންޏެވެ. 

ޔުނައިޓެޑުން އާ ސީޒަނަށް ތައްޔާރުވުމަށްޓަކައި ފަރިތަކުރުންތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުގައެވެ. އެގޮތުން، ޕްރީ ސީޒަންގައި އެ ޓީމުން އެންމެ ފުރަތަމަ ދަތުރުކުރުމަށް ހަމަޖެހިފައިވަނީ އޮސްޓްރޭލިއާ އަށެވެ. 

ނަމަވެސް، ޔުނައިޓެޑަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ، އެ ޓީމަށް ކުޅެމުން އަންނަ ފްރާންސްގެ ހުނަރުވެރި މިޑްފީލްޑަރު ޕައުލް ޕޮގްބާގެ މުސްތަގްބަލާމެދު ސުވާލު އުފެދިފައިވުމެވެ. ޕޮގްބާގެ މުސްތަގްބަލާއި ގުޅޭގޮތުން، އޭނާގެ އޭޖެންޓް މިނޯ ރައިއޯލާ ބުނެފައިވަނީ ޔުނައިޓެޑާ ގުޅުންހުރި އެންމެހާ އިސްފަރާތްތަކަށްވެސް ޕޮގްބާ އެ ކްލަބު ދޫކޮށްލަން ބޭނުންވާކަން އެނގޭނެކަމަށެވެ.

އުމުރުން 26 އަހަރުގެ ޕޮގްބާ ގެންދަން އެންމެ ބޮޑަށް ޝައުގުވެރިވަނީ ރެއާލް މެޑްރިޑުންނެވެ. ޒައިނުއްދީން ޒިދާން އަލުން ހަވާލުވެ ރެއާލް ވަރުގަދަ ކުރުމަށްޓަކައި އޭނާ ބޭނުންވާ ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނެނީ ޕޮގްބާ ކަމަށްވެއެވެ. އެކަމަކު، ކުރީގެ ކްލަބް ޔުވެންޓަސް އަށް ބަދަލުވުމަކީ ވެސް އޮތް ފުރުޞަތެކެވެ.

ޔުނައިޓެޑުން މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި މިހާތަނަށް އައިއިރު، ސްވަންސީ ސިޓީން ވޭލްސްގެ ޒުވާން މިޑްފީލްޑަރު ޑެނިއަލް ޖޭމްސް އާއި ކްރިސްޓަލް ޕެލަސްގެ އިނގިރޭސި ފުލްބެކް އާރޮން ވަން-ބިސާކާ ވަނީ ގެނެސްފައެވެ.

މީގެއިތުރުން، އެ ޓީމުން މިހާރު ގެނައުމަށް މަސައްކަތްކުރާ ކުޅުންތެރިންގެ ތެރޭގައި، ލެސްޓާ ސިޓީގެ ޑިފެންޑަރު ހެރީ މެގުއަޔާ އާއި ނިއުކާސަލް ޔުނައިޓެޑްގެ ޒުވާން މިޑްފީލްޑަރު ޝޯން ލޯންގްސްޓާފް އަދި އަޔެކްސް އެމްސްޓެޑަމްގެ މަތައިސް ޑި ލިޓްގެ އިތުރުން ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަންގެ އިތުބާރު މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް ހިމެނޭކަމަށް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *