މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރްސީން އިންތިޒާމުކޮށްގެން ފުރަތަމަ ފަހަރަށް ރާއްޖެއިން ބޭރުގައި ފެއާރ އެއް ފަށައިފިއެވެ.
"ވިޒިޓް މޯލްޑިވްސް 2019"ގެ ނަމުގައި އެ ފެއަރ ފަށާފައިވަނީ، މިމަހުގެ ފަސް ވަނަ ދުވަހެވެ. ރާއްޖޭ ފަތުރުވެރިކަން އެހެން ގައުމުތަކުގައި އިޝްތިހާރު ކުރުމުގެ މަޤްސަދުގައި ބާއްވާ އެ ފެއަރ ދެ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އެ ފެއަރ ކުރިއަށް ގެންދަނީ، މެލޭޝިއާގެ އައިއޯއައި މޯލް ޕުތްރަޖާޔާގައެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ 17 ކުންފުންޏަކުން މިފެއާގައި ބައިވެރިވެފައިވާއިރު، މީގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާތުގައި ހަރަކާތްތެރިވަމުން އަންނަ ޓުއާ އޮޕަރޭޓަރުންނާއި، ޓެރެވެލް އޭޖެންޓުން އަދި ރިސޯޓުތަކުގެ އިތުރުން ގެސްޓް ހައުސްތައް ހިމެނެއެވެ.
މެލޭޝިއާ "ވިޒިޓް މޯލްޑިވްސް ފެއާ" ހުޅުއްވައި ދެއްވީ އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރ ތޮއްޔިބު މުހައްމަދާއި އެއަރ އޭޝިއާގެ ރީޖަނަލް ހެޑް އަމާންޑާ ވޫއެވެ.