ދުންފަތުގެ އިސްތިއުމާލު ކުރާ ފަރާތްތަކުގެ ލޮލުގެ ފެނުން ގެއްލުމަކީ އެކަށީގެންވާ ކަމެއް ކަމަށް އިނގިރޭސިވިލާތުގެ ރޯޔަލް ނެޝަނަލް އިންސްޓިޓިއުޓް އޮފް ބްލައިންޑް ޕީޕަލް (އާރްއެންއައިބީޕީ) އިން ބުނެފިއެވެ.
އެ ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި ދުންފަތުގެ ބޭނުން ނުކުރާ މީހުންނާއި އަޅާ ބަލާއިރު ދުންފަތުގެ އިސްތިއުމާލު ކުރާ ފަރާތްތަކަށް ލޮލުގެ ފެނުން ގެއްލުމުގެ ފުރުސަތު ދެ ގުނަ ބޮޑު ކަމަށެވެ.
އާރްއެންއައިބީޕީ އިން ބުނެފައިވާ ގޮތުގައި ދުންފަތުގެ ސަބަބުން ލޮލުގެ ފެނުން ގެއްލުމަށް މެދުވެރި ވަނީ ދުންފަތުގެ އިސްތިއުމާލު ކުރާއިރު ބޭރުކުރާ ދުމުގައި ލޮލަށް ނުރައްކާތެރި އެތަކެއް މާއްދާތަކެއް އެކުލެވޭތީ ކަމަށެވެ.
ދުންފަތުގެ ގެއްލުންތަކަށް ބަލާއިރު ކޮންމެ ސިނގަރޭޓެއްގައި ލޮލަށް ގެއްލުން ހުރި އެތަކެއް މާއްދާތަކެއް އެކުލެވެއެވެ. އެގޮތުން ޑައިބެޓިކްސްގެ ސަބަބުން ފެނުމުގެ މައްސަލަތައް ހުންނަ މީހުންގެ އެފަދަ މައްސަލަތައް ދުންފަތުގެ އިސްތިއުމާލު ކުރުމުން އިތުރަށް ގޯސްވެއެވެ. އެހެން ދިމާވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ލޮލާއި ގުޅިފައިވާ ލޭ ހޮޅިތަކަށް ގެއްލުން ލިބޭތީއެވެ.
އާރްއެންއައިބީޕީގެ ދިރާސާއިން އިތުރަށް ހާމަވި ގޮތުގައި ލޮލުގެ ފެނުން ގެއްލުވައިދޭ ކަމެއް ކަމަށްވާ މެކިއުލާ ޑީޖެނެރޭޝަން ގެ މައްސަލަ ކުރިމަތިވުން ވެސް ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް 3 ގުނައަށް ބޮޑެވެ.
މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނާއި އަޅާ ބަލާއިރު ދުންފަތުގެ އިސްތިއުމަލު ކުރާ މީހުންގެ ލޮލޮލެ ލޭ ނާރުތައް ބެދުމުގެ ސަބަބުން ކުއްލިއަކަށް ލޮލުގެ ފެނުން ގެއްލުމުގެ މައްސަަލަ އާއި ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް އާރއެންބީއައި އިން ވަނީ ބުނެފައެވެ.
ދިރާސާތަކުން ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ލޮލުގެ ފެނުން ގެއްލުމަށް ކުރިމަތިވާ ސަބަބެއް ކަމަށް ހާމަވިޔަސް އިނގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް އޮޕްޓޯމެޓްރިސްޓސް (އޭއޯޕީ) އިން ކުރި ސާވޭ އަކުން ހާމަވި ގޮތުގައި އެ ގައުމުގެ ގިނަ ބަޔަކު އެކަން ގަބޫލެއް ނުކުރެއެވެ. އެގޮތުން ދުންފަތުގެ ސަބަބުން ލޮލުގެ ފެނުން ގެއްލިދާނެ ކަމަށް ގަބޫލުކުރަނީ އޭއޯޕީގެ ސާވޭގައި ބައިވެރިވި މީހުންގެ އެންމެ ފަސް އިންސައްތައެވެ.