އަލަނާސި އަކީ މިއަދު ރާއްޖޭގެ ބާޒާރުގައި ވެސް ފަސޭހަކަމާއި އެކު އަތްފޯރާ އަގެއްގައި ލިބެން ހުންނަ މޭވާއެކެވެ. ތާޒާ އަލަނާސި އާއި ދަޅުގައި ބަންދުކޮށްފައިވާ އަލަނާސީގެ އެތައް ބްރޭންޑެއް ފަސޭހަކަމާއި އެކު ބާޒާރުން ލިބެއެވެ.
ސިއްހީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އަލަނާސި އަކީ މޭވާ ތަކުގެ ތެރެއިން ތެލާއި ސަރުބީ އަދި ސޯޑިއަމް އެންމެ މަދު އެކުލެވޭ އެއް މޭވާއެވެ.
އާއްމު ގޮތެއްގައި ލޭމައްޗަށް ދިއުމަށް އެންމެ ބޮޑަށް މަގުފަހިކުރުވާ އެއްކަމަކީ ތެލާއި ސަރުބީ އަދި ސޯޑިއަމްގެ ބާވަތްތައް ގިނަ ކާނާ ބޭނުންކުރުމެވެ. އެފަދަ ކާނާ ބޭނުންކުރުމުގެ ސަބަބުން ހަށިގަނޑުގައި ސަރުބީ އިތުރުވެ ލޭހޮޅިތަކުން ލޭ ދައުރުވާ ސްޕީޑް މަތިވެއެވެ.
ސޯޑިއަމްގެ ލެވެލް ރަނގަޅު މިންވަރެއްގައި ހިފެހެއްޓުމަށް އެންމެ މުހިއްމު އެއް ނިއުޓްރިއެންޓަކީ ޕޮޓޭސިއަމެވެ. އަލާނާސީގައި ޕޮޓޭސިއަމް ގިނަ އަދަދަކަށް ހުރެއެވެ.
މިސާލަކަށް ކުޑަ ޖޯޑެއްގައި ހުންނަ އަލަނާސީގައި 195 މިލި ގްރާމް ޕޮޓޭސިއަމް ހުންނާނެއެވެ. އަދި މި މިންވަރުގެ އަލަނާސީގައި ސޯޑިއަމް އެކުލެވިގެންވާ މިންވަރަކީ އެންމެ މިލިގްރާމެކެވެ.
ލޭ މައްޗަށް ދިއުމުގެ ފުރުސަތު ކުޑަކުރުމަށް އެހީތެރިވުމުގެ އިތުރުން، އަލަނާސި އަކީ ލޮލުގެ ދުޅަހެޔޮކަމަށް ވެސް އެހީތެރިވެދޭ އަދި ހަންގަނޑުގެ އޮމާންކަން ދެމެހެއްޓުމަށް ބޭނުންތެރި މާއްދާތައް އެކުލެވޭ މޭވާއެކެވެ.
އެގޮތުން ދިރާސާތަކުން ހާމަވެފައިވާ ގޮތުގައި ދުވާލަކު 3 ފަހަރު އަލަނާސި ބޭނުންކުރާ މީހުންނަށް "މެކިޔުލަރ ޑިޖެނެރޭޝަން" އޭ ކިޔާ ޙާލަތު މެދުވެރިވުމުގެ ފުރުސަތު ކުޑަވާނެއެވެ.