އަންހެނުންގެ ފުޓްބޯޅަ ތަރައްގީކުރުމަށްޓަކައި ކުރިއަށް އޮތް ފީފާ ވިމެންސް ވޯލްޑްކަޕްގައި ބައިވެރިވާ ޓީމުތަކުގެ އަދަދު 32 އަށް އިތުރުކޮށް، އެ މުބާރާތުގެ އިނާމު ފައިސާވެސް ދެ ގުނަ އަށް އިތުރުކުރާނެކަމަށާއި، ވިމެންސް ކްލަބް ވޯލްޑްކަޕްވެސް ތައާރަފްކުރާނެކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބުނެފިއެވެ. 

މިހާރު ފްރާންސްގައި ކުޅެމުންދާ މި ފަހަރުގެ ވިމެންސް ވޯލްޑްކަޕްގެ ނިންމުން ފާހަގަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިންފަންޓީނޯ ވަނީ މިއީ މިހާތަނަށް ބޭއްވުނު "އެންމެ ފުރިހަމަ ވިމެންސް ވޯލްޑްކަޕް" ކަމަށް ވިދާޅުވެފައެވެ.

ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ވިމެންސް ވޯލްޑްކަޕް ބާއްވާނެ ގައުމެއް ހޮވުމަށް ބިޑްކުރުމަށްވެސް މިހާތަނަށް އައިއިރު ހުޅުވާލައިފައިނުވާއިރު، ކުރީން އޮތީ އެ މުބާރާތުގައި 24 ޓީމު ބައިވެރިކުރާ ގޮތަށެވެ. ނަމަވެސް، އެ މުބާރާތުގައި 32 ޓީމު ބައިވެރިވާގޮތަށް އިތުރުކުރާނަމަ މިހާރުން ފެށިގެން އެކަމުގެ ތައްޔާރީތައް ފަށަންޖެހޭނެއެވެ.

މިއަދުގެ ނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އިންފަންޓީނޯ ވަނީ ޔުއެފާ އިން ދާދިފަހުން ތައާރަފްކުރި ނޭޝަންސް ލީގާ އެއް ފޯމެޓަކަށް، ރެލިގޭޝަން އަދި ޕްރޮމޯޝަން ހިމެނޭގޮތަށް ގައުމީ އަންހެން ޓީމުތަކަށް ހާއްސަކޮށްގެން ވިމެންސް ވޯލްޑް ލީގު ބޭއްވުމަށް ވިސްނަމުންދާކަމަށެވެ.

މީގެއިތުރުން، އިންފަންޓީނޯ ވަނީ ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި އަންހެނުންގެ ފުޓްބޯޅަ ކުރިއެރުވުމަށާއި ތަރައްގީކުރުމަށް މިހާރު ކުރާ ހޭދަ ދެ ގުނަ އަށް އިތުރު ކުރާނެކަމަށްވެސް ވިދާޅުވެފައެވެ. 

މިހާރު ކުރިއަށްދާ ވިމެންސް ވޯލްޑްކަޕަށް އާއްމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާތީވެ، ކުރިއަށް އޮތް މުބާރާތުގެ އިނާމު ފައިސާވެސް ދެ ގުނަ އަށް އިތުރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފަށާނެކަމަށް އިންފަންޓީނޯ ވަނީ ވައުދުވެފައެވެ.

މި ފަހަރުގެ މުބާރާތަށް އިނާމު ފައިސާގެ ގޮތުގައި 30 މިލިއަން ޑޮލަރު (24 މިލިއަން ޕައުންޑް) ކަނޑައަޅާފައިވާއިރު، ކުރިއަށް އޮތް މުބާރާތުގެ އިނާމު ފައިސާގެ ގޮތުގައި 60 މިލިއަން ޑޮލަރު (48 މިލިއަން ޕައުންޑް) ދޭނެކަމަށްވެއެވެ. އެންމެފަހުން ރަޝިޔާގައި މިދިޔަ އަހަރު ބޭއްވި ވޯލްޑްކަޕްގެ އިނާމު ފައިސާގެ ގޮތުގައި 400 މިލިއަން ޑޮލަރު (320 މިލިއަން ޕައުންޑް) ޓީމުތަކަށް ބަހާފައިވާއިރު، ޗެމްޕިއަންކަން ހޯދި ފްރާންސަށް ވަނީ 38 މިލިއަން ޑޮލަރު (30 މިލިއަން ޕައުންޑް) ލިބިފައެވެ.

"އަންހެނުންގެ ފުޓްބޯޅަ ކުރިއެރުވުމަށް މިކުރާ މަސައްކަތްތަކަށް ފުރިހަމަ އަށް އެއްބާރުލުން ދިނުމަށް ފީފާގެ ކައުންސިލާއި ހުރިހާ މެންބަރުންނަށް އަހަރެން ގޮވާލަން." އިންފަންޓީނޯ ވިދާޅުވިއެވެ.

އިންފަންޓީނޯ އިތުރަށް ވިދާޅުވިގޮތުގައި، އަންހެނުންގެ ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި ކްލަބްތަކުގެ މެދުގައި ވާދަވެރިކަން އިތުރުކުރަންޖެހޭނެކަމަށާއި އެގޮތުން، 2000 ވަނަ އަހަރުން ފެށިގެން މިހާތަނަށް ފިރިހެނުންނަށް ހާއްސަކޮށް ކްލަބް ވޯލްޑްކަޕް ބާއްވަމުން އަންނައިރު، ފީފާގެ އަމާޒަކީ 2020 ވަނަ އަހަރު ވިމެންސް ކްލަބް ވޯލްޑްކަޕް ބޭއްވުންކަމަށެވެ.

މިފަހަރުގެ ކްލަބް ވޯލްޑްކަޕް މިއަހަރުގެ ޑިސެންބަރު މަހުގައި ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ މުބާރާތުގައި ވާދަކުރާނީ ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ލިވަޕޫލެވެ. 

"އަންހެން ކުޅުންތެރިންނަށް ހާއްސަކޮށް ކްލަބް ވޯލްޑްކަޕް މުބާރާތް ވީއެންމެ އަވަހަކަށް ތައާރަފްކުރުމަށް އަހަރެން ހުށަހަޅަން. ގައުމީ ޓީމުތައް ކުރިއެރުވޭނީ، ކްލަބް ފުޓްބޯޅައިގައިވެސް ކުރިއެރުންތައް ހޯދިގެންކަމަށް އަހަރެން ގަބޫލުކުރަން." 

"މިކަމުގެ ސަބަބުން، ދުނިޔޭގެ ކްލަބް ފުޓްބޯޅައިގެ އެންމެ ވާދަވެރި އެއް މުބާރާތުގައި ކުޅުމުގެ ފުރުޞަތު ހޯދުމަށް މިހާރަށްވުރެ ގިނައިން ކްލަބުތަކުން އަންހެން ކުޅުންތެރިންނަށްވެސް އިންވެސްޓްކުރާނެ." ނިންމާލަމުން އިންފަންޓީނޯ ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *