މި ސަރުކާރުން އެހެން ގައުމުތަކާއެކު ހަދާފައިވާ އެއްބަސްވުންތައް "އެފުށް މިފުށަށް" ޖަހާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމަކީ ރައްޔިތުން އެމަނިކުފާނަށް ވެރިކަން ނުދޭނެ އެއް ސަބަބު ކަމަށް މަޖިލިސް ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅި ޕީޕީއެމްއާއި، ޕީއެންސީން "ފޭރުމާ ދެކޮޅަށް" ގެ ނަމުގައި ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އިދިކޮޅު ފަރާތްތަކަށް ވެރިކަން ލިބޭ ދުވަހަކުން ދައުލަތުން ހަރު މުދާތައް ވިއްކާ ގޮތަށް މި ސަރުކާރުން ކޮށްފައިވާ ހުރިހާ އެއްބަސްވުމެއް އެފުއް މިފުށަށް ޖަހާނެ ކަމަށެވެ.
ރައީސް ޔާމީންގެ އެ ބުނުމަށް ރައްދު ދެއްވައި ރައީސް ނަޝީދު ވިފާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ޒިންމާދާރު ކަމެއް ނެތި އެގްރީމެންޓްތައް އެފުށް މިފުށަށް ޖެހުމުގެ ސަބަބުން ދައުލަތަށް ލިބުނު މާލީ ގެއްލުންތައް އެތައް ބިލިއަނަކަށް އަރާފައިވާ ކަމަށާއި، ރައްޔިތުންނަށް ލިބޭ ގެއްލުމަކަށް ބެލުމެއް ނެތި އަނެއްކާވެސް އެގްރީމެންޓްތައް އެފުށް މިފުށަށް ޖަހާނެ ކަމަށް ވިދާޅުވުމަކީ ރައީސް ޔާމީނަށް ރައްޔިތުން ވެރިކަން ނުދޭނެ ސަބަބު ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ދިވެހި ދައުލަތުގެ ހަރު މުދާތައް ވިއްކަން ދުވަހަކު ވެސް އެމަނިކުފާނު ތާއީދު ނުކުރައްވާނެ ކަމަށެވެ.