ސަތޭކައެއްހާ މޭލަށް ކާރު ދުއްވައިގެން ވައި ތަޢައްޔަރުވާ މިންވަރަށް ވުރެ ބޮޑަށް އާއިލާތަކުން ބާއްވާ ބާބަކިއުތަކުން ވައި ތަޢައްޔަރުވާ ކަމަށް ސައިންޓިސްޓަކު ބުނެފިއެވެ. މެންޗަސްޓަރ ޔުނިވާސިޓީގެ ތަޖުރިބާކާރުން ކުރި މި ދިރާސާއިން ހާމަވެފައިވާ ގޮތުގައި އެންމެ މީހަކަށް ބޭނުންވާ ވަރަށް ބީފް ބާގާއެއް ހެދުމަށް ގެރިމަސް ފިހުމަށް ރޯކޮށްލާ އަލިފާނުގެ ސަބަބުން 205 ބެލޫން ގްރީން ހައުސް ގޭސް ވައިގެ ތެރެއަށް ދޫކުރެއެވެ.
މިއީ 23 މޭލަށް ކާރު ދުއްވުމުން ވެސް ވައިގެ ތެރެއަށް ގްރީން ހައުސް ގޭސް ދޫކޮށްލާނެ މިންވަރެވެ.
މި ދިރާސާގެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި މި ދިރާސާގައި ވަނީ ގެރިމަހުގެ އިތުރުން ކުކުޅާއި ތަރުކާރީ ސޮސެޗް ވެސް ހިމަނާފައެވެ. އެ ނަތީޖާ ތަކުން ދައްކާ ގޮތުގައި ގެރިމަސް ފިހެގެން ވައި ތަޣައްޔަރުވާ މިންވަރަށް ވުރެ ކުކުޅު މަހާއި އަދި ތަރުކާރީ ސޮސެޖް ފިހެގެން ވައި ތަޣައްޔަރުވާ މިންވަރު ދަށެވެ.
މެންޗަސްޓާގެ ޔުނިވާސިޓީން ކުރި މި ދިރާސާގެ ތަފްސީލްތައް އިނގިރޭސިވިލާތުގައި މިހާރު ކުރިއަށްދާ ރޯޔަލް ސޮސައިޓީ ސަމާ ސައިންސް އެގްޒިބިޝަންގައި ވަނީ ހުށަހަޅާފައެވެ.
އިނގިރޭސި ސައިންޓިސްޓް ޕްރޮފެސަރ ސާރާ ބިރިލް އިސްކޮށް ހަރަކާތްތެރިވެ ކުރިއަށް ގެންދިޔަ މި ދިރާސާގެ ސަބަބުން އެ ގައުމުގައި ހޫނު މޫސުމާއި ދިމާކޮށް ބާބަކިއު ހަދާ ފަރާތްތަކުން ވިސްނުން ބަދަލުވާނެ ކަމަށް ސާރާ ލަފާކުރައްވައެވެ.