މިމަހުގެ 10 އެއްގެ ފަހުން ތާރީހެއްގައި ކޯލިޝަންގައި ހިމެނޭ ހުރިހާ ލީޑަރުންނަށް ބައްދަލުވުމަކަށް ދައުވަތު އަރުއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ، ކޯލިޝަނުގައި ހިމެނިވަޑައިގަންނަވާ ހަތަރު ލީޑަރުން މާލޭގައި ތިއްބަވާ ވަގުތެއް ބައްލަވާފައި ހަތަރު ލީޑަރުންގެ ބައްދަލުވުމަކަށް ދައުވަތު އަރުވާނެ ކަމަށެވެ.
ރައީސް ޞާލިހް މިހެން ވިދާޅުވެފައި ވީނަމަވެސް، ކޯލިޝަން ލީޑާރުންގެ މެދުގައި މައްސަލަތައް އުފެދި ބައެއް ބައެއް ބޭފުޅުން އިދިކޮޅު ފަރާތްތަކާއި ސިއްރުގައިި ބައްދަލުކުރަމުންދާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.
ނިމިދިޔަ ނަވާރަވަނަ މަޖިލިސް އިންތިހާބުގެ ތެރޭގައި، ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީއާއި ޖޭޕީއާއި ދެމެދުގައި ވަނީ ހިޔާލުތަފާތުވުންތަކެއްވެސް އުފެދިފައެވެ.
ރައީސް ޞާލިހް ވެރިކަމަށް އައުމުގެ ކުރިން ވަނީ، ކޯލިޝަނުން ލީޑަރުންނާއިއެކު މަހަކު އެއްފަހަރު ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މާޗް މަހަށް ފަހު ކޯލިޝަންގެ ލީޑަރުންގެ ބައްދަލުވުމެއް ބާއްވާފައެއް ނުވެއެވެ.