ހުސްވެފައިވާ ޗެލްސީގެ ކޯޗުކަމަށް އެ ޓީމުގެ ކުރީގެ ތަރި އަދި ޑާބީ ކައުންޓީގެ ކޯޗު ފްރޭންކް ލަމްޕާޑް ހަވާލުވެއްޖެއެވެ.
ކުރިން ޗެލްސީ އަށާއި މެންޗެސްޓާ ސިޓީ އަށް ކުޅެފައިވާ ލަމްޕާޑް އޭނާގެ ކުރީގެ ޓީމުގެ ކޯޗުކަމާއި ހަވާލުވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
އުމުރުން 41 އަހަރުގެ ލަމްޕާޑް، އޭނާގެ ފުޓްބޯޅަ ކެރިއަރުގެ 13 އަހަރު ހޭދަކުރީ ޗެލްސީގެ ކޯޗުގެ މަގާމަށް ހަމަޖެއްސީ ކުރީން އެ މަގާމުގައި ހުރި އިޓަލީގެ ކޯޗު މައުރީޒިއޯ ސާރީ އެ ޓީމު ދޫކޮށްލުމަށްފަހު ޔުވެންޓަސް އަށް ބަދަލުވުމުންނެވެ.
މީގެކުރީން، ޗެލްސީގެ ކޯޗުގެ މަގާމަށް ލަމްޕާޑް ގެންނަން އަދި މާ އަވަސްކަމަށް އެ ޓީމުގެ ކުރީގެ ބައެއް ކުޅުންތެރިންގެ އިތުރުން ޚުދު އޭނާ ވެސް އެކަމަށް ވަނީ އެއްބަސްވެފައެވެ.
ޑާބީން ލަމްޕާޑް ދޫކޮށްލަން ނިންމީ އެ ޓީމުގައި ބެހެއްޓުމަށްޓަކައި ކޮންޓްރެކްޓް އާ ކުރަން މަޝްވަރާކުރިނަމަވެސް އެކަމަށް އެއްބަސްނުވުމުންނެވެ.
މިދިޔަ އަހަރުގެ މެއި މަހު ޑާބީއާ ހަވާލުވެ ލަމްޕާޑް ވަނީ އެ ޓީމާއެކު ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ. އެގޮތުން، ލީގު ކަޕްގައި މެންޗެސްޓާ ޔުނައިޓެޑްގެ ދަނޑުގައި މޮޅުވިއިރު، އެ މުބާރާތުން އެ ޓީމު ކަޓައިގެންދިޔައީ ޗެލްސީ އަތުންނެވެ. ނަމަވެސް، ކުރިއަށް އޮތް ސީޒަނަށް އިނގިރޭސި ޕްރިމިއާ ލީގުގެ ޖާގައެއް ހޯދުމަށް ޑާބީ ކުރި މަސައްކަތް ކާމިޔާބުނުވީ ޕްލޭއޮފް ފައިނަލުގައި އެސްޓަން ވިލާ އަތުން ބަލިވުމުންނެވެ.
އޭނާގެ އިރުޝާދުގެ ދަށުން ޑާބީ ކުޅުނު 57 މެޗުގެ ތެރެއިން 24 މެޗުން މޮޅުވިއިރު، 16 މެޗުން ބަލިވެފައިވެއެވެ. ބާކީ 17 މެޗުން އެ ޓީމު ވީ އެއްވަރެވެ. އެ ޓީމުން 90 ގޯލް ކާމިޔާބުކުރިއިރު، ބައިކޮޅަށް 70 ލަނޑުވަދެފައިވެއެވެ.
ޗެލްސީގެ ކޯޗުގެ މަގާމާއި ލަމްޕާޑް ހަވާލުވާއިރު، އޭނާ އަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފީފާ އިން ދީފައިވާ އަދަބުގެ ސަބަބުން ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ކުޅުންތެރިން ގެނެވެން ނެތުމެވެ. އެގޮތުން، އެ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އެޑެން ހަޒާޑް މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ރެއާލަށް ބަދަލުވެފައިވާއިރު، ޗެލްސީ އަށް އިތުރު ކުޅުންތެރިޔަކު ގެނެވެން ނެތުމަކީ އެ ޓީމަށް ލިބިފައިވާ ވަރަށް ބޮޑު ގެއްލުމެކެވެ.
އެކަމަކު، ޗެލްސީން ވަނީ މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑުން ލޯން އެއްބަސްވުމެއްގެ ދަށުން އެ ޓީމަށް ކުޅުނު ކްރޮއޭޝިއާގެ މިޑްފީލްޑަރު މަޓެއޯ ކޮވަސިޗްގެ އެއްބަސްވުން ދާއިމީކޮށްފައެވެ. މީގެއިތުރުން، މި ސީޒަނަށް އެ ޓީމާ އަލަށް ގުޅޭނެ ކުޅުންތެރިއަކީ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އައި އެމެރިކާގެ ހުނަރުވެރި ކުޅުންތެރިޔާ ކްރިސްޓިއަން ޕުލިސިޗް އެވެ.
ލަމްޕާޑްގެ އެހީތެރިންގެ ގޮތުގައި ޗެލްސީ އެކަޑެމީގެ ކުރީގެ ކޯޗު ޖޯޑީ މޮރިސް އާއި ތަޖުރިބާކާރު ފިޓްނަސް ކޯޗު ކްރިސް ޖޯންސް ވަނީ އެ ޓީމާ ގުޅިފައެވެ. މީގެއިތުރުން، ޗެލްސީގެ ކުރީގެ ގޯލްކީޕަރު ޕީޓަ ޗެކް ވަނީ ކުޅުން ހުއްޓާލުމަށްފަހު އެ ޓީމުގެ ޕާފޯމަންސް އެންޑް ޓެކްނިކަލް އެޑްވައިޒަރުގެ މަގާމާ ހަވާލުވެފައެވެ.