ފަހި ކޯޕަރޭޝަނުން އަޅާ ފްލެޓުތަކުން 2 ކޮޓަރީގެ ފްލެޓެއް 6000 ރުފިޔާއަށް ލިބޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ، ފަހި ކޯޕާރަޝޭނުން އަޅާ ފްލެޓްތަކުގެ ތެރޭގައި، 2 ކޮޓަރީގެ އެޕާޓްމަންޓަކަށް މަހަކު 6000 ރުފިޔާ އަދި 3 ކޮޓަރީގެ އެޕާޓްމަންޓަކަށް މަހަކު 7000 ރުފިޔާއަށް ލިބޭނެ ކަމަށެވެ.
ރައީސް ޞާލިހް އިތުރަށް ވިދާޅުވީ، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރި "ހިޔާ" ފްލެޓަކަށް ކުލީގެެ ގޮތުގައި މަހަކު ދައްކަން ޖެހޭނީ 11،000 ރުފިޔާއަށް އަރާ ކަމަށާއި، ސަރުކާރުން ސަބްސިޑީތަކެއްދީގެން އެ އަދަދު 6،000 ރުފިޔާއަށް ކުޑަކުރަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް އިމާރާތް ކުރުމުގެ މަސައްކަތް ކުރުމަށް އެޗްޑީސީއިން ޗައިނާގެ ސީސީސީއާ ހަވާލުކުރީ 20 ޖުލައި 2016 ގަ އެވެ. އެ މަޝްރޫއުގެ އަމަލީ ފެށީ 20 ޑިސެމްބަރު 2017 ގައެވެ.
ނަމަވެސް ރައީސް ޞާލިހް މިއަދު ވިދާޅުވީ، ކުރީގެ ސަރުކާރުގައި އެޅި އެ ފްލެޓްތަކަކީ، މީހުން ދިރިއުޅެން އެކަށީގެންވާ ގޮތަށް ހަދާފައިވާ ފްލެޓްތަކެއް ނޫން ކަމަށެވެ.