މިހާރު ކުރިއަށްދާ ފީފާ ވިމެންސް ވޯލްޑްކަޕްގައި ރޭ ކުޅުނު މެޗުގައި ސްވިޑެންގެ މައްޗަށް 1-0 އިން ކުރިހޯދައި ނެދަލޭންޑްސްއިން މުބާރާތުގެ ފައިނަލުގައި އެންމެފަހުގެ ޗެމްޕިއަން އެމެރިކާއާ ދެކޮޅަށް ނިކުންނަން ޖެހިއްޖެއެވެ.
މި މުބާރާތުގެ ފައިނަލަށް އެމެރިކާ ދަތުރުކުރީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ކުޅެވުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އިންގްލެންޑް އަތުން 2-1 އިން މޮޅުވެގެންނެވެ.
އޮލިމްޕިކް ލިޔޯންގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ނެދަލޭންޑްސްގެ ގޯލް ބެލެހެއްޓި އާސެނަލްގެ ކުރީގެ ގޯލްކީޕަރު ސަރީ ވެން ވީނެންޑާލް ވަނީ ސްވިޑެންގެ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތަކެއް މަތަކޮށްފައެވެ.
ނެދަލޭންޑްސް އަށް ލަނޑުޖެހުމަށް މި މެޗުގައި ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި އެ ޓީމުގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ލަނޑުޖަހައިދީފައިވާ އާސެނަލްގެ ފޯވާޑް ވިވިއަން މިޑީމާ ބޮލުން ފޮނުވާލި ބޯޅަ ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވާއިރު، އެ ޓީމުގެ ޝެނީސް ވެން ޑެ ސެންޑެން ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ސްވިޑެންގެ ގޯލްކީޕަރު ހެޑްވިގް ލިންޑާލް އެވެ.
އެންމެފަހުގެ ވިމެންސް ޔޫރަޕިއަން ޗެމްޕިއަންޝިޕް 2017 ވަނަ އަހަރު ކާމިޔާބުކުރި ނެދަލޭންޑްސް އިން ސްވިޑެންއާ ދެކޮޅަށް ރޭ ކުޅުނު މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވުމުން، ނަތީޖާ ނެރުމަށް ކުޅެވުނު އިތުރުވަގުތުގެ ފުރަތަމަ ހާފުގެ ނުވަ ވަނަ މިނެޓުގައި ލަނޑުޖެހީ މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު ޖެކީ ގްރޮއެނެން އެވެ. މިއީ ވިމެންސް ވޯލްޑްކަޕްގެ ސެމީ ފައިނަލް މެޗެއްގެ ކުޅުން އިތުރުވަގުތާއި ހަމައަށް ދެމިގެންދިޔަ ފުރަތަމަ ފަހަރެވެ.
މިފަހަރުގެ ވިމެންސް ވޯލްޑްކަޕްގެ ފައިނަލްގައި އަންނަ އާދީއްތަ ދުވަހުގެ ރޭ ރާއްޖޭގަޑިން 20:00 ގައި ނެދަލޭންޑްސް ނިކުންނާނީ އެމެރިކާއާ ދެކޮޅަށެވެ.
ވިދިވިދިގެން ހަތަރުވަނަ ފަހަރަށް ސެމީ އަށް ދަތުރުކުރި ސްވިޑެން އަށް ދެން
އޮތީ މި
މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި އަންނަ ހޮނިހިރު ދުވަހުގެރޭ އިންގްލެންޑްއާ ދެކޮޅަށް ކުޅޭ މެޗެވެ.