މިހާރު ބްރެޒިލްގައި ކުރިއަށްދާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗުގައި އެންމެފަހުގެ ދެ އަހަރުގެ ޗެމްޕިއަން ޗިލީ އަތުން 3-0 އިން މޮޅުވެ ޕެރޫ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއީ 1975 ވަނަ އަހަރުގެ ފަހުން މި މުބާރާތުގެ ފައިނަލަށް ޕެރޫ ދަތުރުކުރި ފުރަތަމަ ފަހަރެވެ. އެ ޓީމު އެންމެފަހުން ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރީ 1975 ވަނަ އަހަރުގެ ފައިނަލްގައި ކޮލަމްބިއާ ބަލިކޮށްފައެވެ. އޭގެކުރީން، 1939 ވަނަ އަހަރުގައިވެސް އެ ޓީމު ވަނީ މި މުބާރާތް ކާމިޔާބުކޮށްފައެވެ. މީގެއިތުރުން، އެ ޓީމުން ރޭގެ މެޗު ކާމިޔާބުކޮށް ޗިލީގެ ކިބައިން މިވަނީ 2015 ވަނަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލްގައި ބަލިވުމުން އޭގެ ބަދަލުހިފައިފައެވެ.

ޕޯޓޮ އަލެގްރޭގެ އެރީނާ ޑޮ ގްރިމިއޯގައި ރޭ ކުޅުނު މެޗުގައި، ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތައް އުފެއްދީ ޗިލީ އިންނެވެ. އެކަމަކު، ރޭގެ މެޗުގައި ޕެރޫގެ ފަރާތުން ވަނީ މި މުބާރާތުގައި ކުރީން ކުޅުނު މެޗުތަކަށްވުރެ ރަނގަޅު ކުޅުމެއް ފެނިގެންގޮސްފައެވެ. އެގޮތުން، އެ ޓީމުން ވަނީ ރޭގެ މެޗުގައި ލިބުނު މަދު ފުރުޞަތުތަކުގެ ބޭނުންހިފައިފައެވެ.

ޕެރޫގެ ފުރަތަމަ ލަނޑު، މެޗުގެ 21 ވަނަ މިނެޓުގައި ޖަހައިދިނީ އެޑިސަން ފްލޮރެސް އެވެ. މިއީ އެ ޓީމުގެ އަންދްރޭ ކަރީލޯ ދިން ބޯޅައަކުން ފްލޮރެސް ކާމިޔާބުކުރި ގޯލެކެވެ. އޭގެކުރީން، ޗިލީގެ ޗާލްސް އަރަންގުއިޒް އާއި ޕެރޫގެ ކްރިސްޓިއަން ކުއެވާ އަށް ލަނޑުޖެހުމަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް، ޔޮޝިމާ ޔޮޓުން ވަނީ ޕެނަލްޓީއޭރިޔާބޭރުން ފޮނުވާލި ހަމަލާއަކުން ޕެރޫގެ ލީޑްފުޅާކޮށްދީފައެވެ. މިލަނޑުޖެހުމަށް އެހީތެރިވެދިނީވެސް ކަރީލޯ އެވެ. އޭގެފަހުން، ޗިލީ އަށް ފަރަގު ކުޑަކޮށްދިނުމަށް ހޯސޭ ފުއެންޒަލީޑާ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ޕެރޫގެ ގޯލްކީޕަރު ޕެޑްރޯ ގަލެސޭ މަތަކުރިއެވެ. މި ހާފު ނިމުނީ 2-0 އިން ޕެރޫ ކުރީގައިއޮވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަވަނަ މިނެޓުގައި ޗިލީގެ ފޯވާޑް އެޑުއާޑޯ ވާގަސް ބޮލުން ފޮނުވާލި ހަމަލާއެއް ގޯލްގެ އަރިމަތީދަނޑިއަށް އަމާޒުވެފައިވާއިރު، އޭގެފަހުން އެ ޓީމުގެ އެރިކް ޕުލްގާ އާއި އަރަންގުއިޒް އަދި ވާގަސް އަށް ލިބުނު ފުރުޞަތުތަކުގައި ފޮނުވާލި ބޯޅަތައް ދިޔައީ ދަނޑިކައިރިން ބޭރަށެވެ.

މެޗުގެ ފަހު ފަނަރަ މިނެޓުގައި ލަނޑުޖެހުމަށް ގިނަ ފުރުޞަތުތަކެއް ޗިލީ އަށް ލިބިގެންދިޔައިރު، އެ ޓީމުގެ ވާގަސް އާއި ޕުލްގާ އަދި އާތުރޯ ވިޑާލްގެ އިތުރުން އަލެކްސިސް ސަންޗޭޒް ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ މުޅި މެޗުގައި މޮޅުކުޅުމެއްދެއްކި ޕެރޫގެ ކީޕަރު ގަލެސޭ އެވެ. ޕެރޫގެ ތިންވަނަ ލަނޑު، މެޗުގެ އިތުރުވަގުތުގައި ރެނާޓޯ ތާޕިއާ ދިން ރީތި ޕާހަކުން އެ ޓީމުގެ ކެޕްޓަން ޕައޮލޯ ގަރޭރޯ ޖަހައިދިންއިރު، އޭގެފަހުން އިތުރުވަގުތުގެ ފަހު މިނެޓުގައި ޗިލީ އަށް ލިބުނު ޕެނަލްޓީ އެ ޓީމުގެ ވާގަސް ފޮނުވާލުމުން ޕެރޫގެ ކީޕަރު ގަލެސޭ މަތަކުރިއެވެ.

ކޮޕާ އެމެރިކާގެ ފައިނަލްގައި ބްރެޒިލްއާ ދެކޮޅަށް ޕެރޫ ކުޅޭ މެޗު އޮންނާނީ އަންނަ ހޯމަދުވަހު ރާއްޖޭގަޑިން 00:00 ގައެވެ. އޭގެކުރީން، މި މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި އާޖެންޓީނާއާ ދެކޮޅަށް ޗިލީ ނިކުންނާނީ އަންނަ އާދީއްތަ ދުވަހުގެ ރާއްޖޭގަޑިން 00:00 ގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *