ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އަހަރީ ބޯނަސް ދިނުމުގެ އުސޫލަށް ފިނޭންސް މިނިސްޓްރީން ބޮޑު ބަދަލެއް ގެނެސްފިއެވެ.
ފިނޭންސް މިނިސްޓްރީން ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އަހަރީ ބޯނަސް ދިނުމަށް ބަދަލުތަކެއް ގެނައީ، ސަރުކާރަށް ޑިވިޑެންޑް ދައްކަން ބާރު އެޅުމުގެ ގޮތުންނާއި އަދި، ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުނިތަކުން ބޯނަސް ދިނުމުގައި އެއް މިންގަނޑެއް ގެންގުޅުމަށް ކަމަށެވެ.
ކުންފުނީގެ ހިންގުން ހަރުދަނާވެ، ކުންފުނީގެ މަގްސަދުތައް ހާސިލް ކުރުމަށް ހުރިހާ ފަރާތްތަކަކުން އެއް މިސްރާބަކަށް މަސައްކަތް ކުރުމަށް ބާރު އެޅުމަކީ ވެސް މި އުސޫލުގެ އެއް ބޭނުން ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ބޯނަސްގެ ގޮތުގައި ދިނުމަށް ހުށަހަޅާ އަދަދަކީ ކުންފުނިން އެއަހަރަށް ޑިކްލެއާ ކުރާ ޑިވިޑެންޑްގެ ތިން ޕަސެންޓަށް ވުރެ ބޮޑު އަދަދަކަށް ވެގެން ނުވާނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
ކުންފުނީގެ ކުރީ އަހަރުތަކުގެ ރިޓެއިންޑް އާނިން ހިމެނޭ ގޮތަށް ޑިވިޑެންޓް ޑިކްލެއާ ކުރާ ކަމުގައިވާ ނަމަ ބޯނަސްގެ ތިން ޕަސެންޓު ގުނުމުގައި ބަލާނީ އެ އަހަރުގެ ޖުމްލަ ފައިދާއަށެވެ. އަދި ކުންފުނީގެ ރިޓެއިންޑް އާނިން އިން ޑިކްލެއާކުރާ ޑިވިޑެންޑް އިން މުވައްޒަފުންނަށް ބޯނަސް ނުދެވޭނެއެވެ.