މިހާރު ކުރިއަށްދާ ކްރިކެޓް ވޯލްޑްކަޕްގައި އިއްޔެ ކުޅުނު މެޗުގައި 119 ލަނޑުން ނިއު ޒީލެންޑް ބަލިކޮށް އިންގްލެންޑުން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދިއިރު، ޕާކިސްތާން ކަޓައިފިއެވެ.

މިއީ 1992 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ފަހުން، މި މުބާރާތުގެ ސެމީން އިންގްލެންޑް ފުރުޞަތު ހޯދީ ފުރަތަމަ ފަހަރެވެ.

އިއްޔެގެ ނަތީޖާއާއެކު، މިހާރު ސެމީގެ ހުރިހާ ޖާގައެއް ގާތްގަނޑަކަށް ކަށަވަރުވެއްޖެއެވެ. އެގޮތުން، 14 ޕޮއިންޓާއެކު އެއްވަނައިގައި އޮތް އޮސްޓްރޭލިއާ އާއި އޭގެ ޕޮއިންޓެއް ފަހަތުން ދެވަނައިގައި އޮތް އިންޑިއާގެ އިތުރުން، 12 ޕޮއިންޓާއެކު ތިންވަނައިގައި އޮތް އިންގްލެންޑުން ވަނީ ސެމީ އަށް ދަތުރުކޮށްފައެވެ. 

ހަތަރުވަނައިގައި އޮތް ނިއު ޒީލެންޑަށް ސެމީގެ ފުރުޞަތު ގާތްގަނޑަކަށް ކަށަވަރުވެފައިވާއިރު، އެ ޓީމަށް އެ ފުރުޞަތު ގެއްލޭނީ ބަންގްލަދޭޝްއާ ދެކޮޅަށް ޕާކިސްތާން ކުޅޭ މެޗުން އާދަޔާ ހިލާފު ތަފާތު ބޮޑު ނަތީޖާއަކުން އެ ޓީމު މޮޅުވެގެންނެވެ. ފަސްވަނައިގައި އޮތް ޕާކިސްތާނަށް މިހާތަނަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ނިއު ޒީލެންޑަށް ލިބިފައިވަނީ 11 ޕޮއިންޓެވެ.

ޕާކިސްތާނަށް ސެމީ އަށް ދެވެން އޮތީ، މާދަމާ ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ މެޗުން، މަދުވެގެން 312 ލަނޑުގެ ތަފާތުން މޮޅުވެގެންނެވެ. މިއީ މި މުބާރާތުގައި މިހާތަނަށް ބަންގްލަދޭޝްގެ ފަރާތުން ފެނިގެންދިޔަ ކުޅުމަށް ބަލާއިރު، ވުމަށްވުރެ ނުވުން ގާތް ކަމެކެވެ.

އިންގްލެންޑުން އިއްޔެގެ މެޗުގެ ޓޮސް ދިމާވުމުން ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން 305 ލަނޑުހެދިއެވެ. އެންމެ ރަނގަޅަށް ކުޅުނީ ވިދިވިދިގެން ދެވަނަ މެޗުގައި ސައްތަ ހަމަކުރި ޖޮނީ ބެއާސްޓޯ އެވެ. އޭނާ ވަނީ 99 ބޯޅައިން 106 ލަނޑުހަދާފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ޖޭސަން ރޯއީ 60 ލަނޑުހެދިއެވެ. ނިއު ޒީލެންޑުން އެންމެ ރަނގަޅަށް އުކި ޓްރެންޓް ބޯލްޓް އާއި މެޓް ހެންރީ އަދި ޖިމީ ނީޝަމް ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓްނެގިއެވެ.

ޖަވާބުގައި ކުޅެން އެރި ނިއު ޒީލެންޑަށް 45 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 186 ލަނޑެވެ. 57 ލަނޑުހެދި ޓޮމް ލަތާމް ފިޔަވާ އެ ޓީމުގެ އެހެން ކުޅުންތެރިއަކަށް ރަނގަޅު ކުޅުމެއް ދެއްކޭގޮތެއްނުވިއެވެ. މި އިނިންގްސްގައި އިންގްލެންޑުން އެންމެ ރަނގަޅަށް އުކީ ތިން ވިކެޓްނެގި މާކް ވުޑް އެވެ.

މި މުބާރާތުގައި މިއަދު ކުޅޭ މެޗުގައި ބައްދަލުކުރާނީ އަފްގާނިސްތާނާ ވެސްޓް އިންޑީޒް އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *