ސިއްހީ ދާއިރާއިން ރާއްޖެއާއި އިންޑިއާއާއި ދެމެދު ވެވުނު އެއްބަސްވުމަށް އިންޑިއާ ސަރުކާރުގެ ކެބިނެޓުން ރުހުން ދީފިއެވެ.
އިންޑިއާގެ ޕްރެސް އިންފޮމޭޝަން ބިއުރޯ އިން އިއްޔެ އާއްމުކުރި ނޫސްބަޔާނެއްގައި ބުނެފައިވަނީ، ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެ ގައުމުން ސޮއިކުރި އެއްބަސްވުން ކުރިއަށް ގެންދަން ކެބިނެޓުން ރުހުން ދީފައިވާ ކަމަށެވެ.
ރާއްޖެއާއި އިންޑިއާއާއި ދެމެދު ސިއްހީ ދާއިރާއިން ވެވުނު އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ދެމެދުގައި ޑޮކަޓްރުން ބަދަލު ކުރުމާއި، ބޭހާއި، އަދި ސިއްހީ ދާއިރާއާއި ބެހޭ ރިސާރޗްތައް ކުރުމާއި، ސިއްހީ ދާއިރާއާއި ބެހޭ މައުލޫމާތު ބަދަލުކުރުމުގެ އިތުރުން ގައިންގަޔަށް އަރާ ބަލިތަކާއި ގައިންގަޔަށް ނާރާ ބަލިތަކާއި ބެހޭ ގޮތުން މައުލޫމާތު ހިއްސާކުރުން ހިމެނެެއެވެ.
އިންޑިއާ އާއި ރާއްޖެއާއި ދެމެދު ވެވުނު މި އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދެވަނަ ދައުރަކަށް އިންތިހާބުވުމަށް ފަހު ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައެވެ.