ކޮންމެ އަހަރެއްގެވެސް މިދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ވައިރަލް ހުން އަދި އެކި ކަހަލަ ގައިގަޔަށް އަރައި ރޯގާތައް ފެތުރޭ މިންވަރު އިތުރު ދުވަސްތަކެކެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު، މިއަހަރުގެ މި މުއްދަތުގައި ވައިރަލް ހުން އަދި ރޯގާ ޖެހިގެން ރިޕޯޓް ކޮށްފައިވާ މީހުންގެ އަދަދު ގިނަ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތަކުން ވަނީ ދައްކާފައެވެ. މި ސަބަބާއި ހުރެ އެޗްޕީއޭއިން ވަނީ، ވައިރަލް ހުންތަކުން އަދި ރޯގާއިން ރައްކާތެރިވުމުގެ ފިޔަވަޅު އަޅައިގެން ތިބުމަށް އާއްމުންނަށް އިލްތިމާސްވެސް ކޮށްފައެވެ.

ވައިރަލް ހުން ނުވަތަ މިދުވަސްކޮޅު މި ފެތުރޭ އިންފްލްއެންޒާ ރޯގާއަކީ ނޭފަތާއި، ކަރާއި އަދި ފުއްޕާމޭއަށް އިންފްލުއެންޒާ ފަތުރާ ވައިރަސްގެ އަސްރު ކުރުމުން ޖެހޭ ރޯގާއެކެވެ. އިންފްލުއެންޒާ ފަތުރާ ވައިރަސްގެ ވަރަށް ގިނަ ބާވަތްތަކެއް ހުރެއެވެ. އަދި އެ ވައިރަސް އަކީ ކޮންމެ އަހަރަކުވެސް ބަދަލުވާ ވައިރަސްއެކެވެ. 

ރިޕޯޓްތަކުން ދައްކާ ގޮތުގައި، ކޮންމެ އަހަރަކުވެސް މަދުވެގެން 20،000 ކުޑަކުދިން ވައިރަލް ހުން އަދި ރޯގާ ޖެހިގެން ހޮސްޕިޓަލުތަކުގައި އެނދުމަތި ކުރެވެއެވެ.

މިހާރު ފެތުރެމުންމިދާ ވައިރަލް ހުން އަދި ރޯގާ ބައެއް މީހުންނަށް ސީރިއަސް ބައްޔަކަށް ބަދަލުނުވެ ފަސޭހައިން ރަނގަޅުވި ނަމަވެސް ބައެއް މީހުންނަށް އެ ބަލިތައް ވެގެންދަނީ ބައެއް ފަހަރު ފުރާނައަށް ނުރައްކާވާ ހިސާބަށް މީހާގެ ހާލު ދެރަވާ ބަލިތަކަކަށެވެ. ވައިރަލް ހުން އަދި ރޯގާއިން ބޮޑަށް ރައްކާތެރިވާންވީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނެވެ. ނުވަތަ އެސްތަމާ ފަދަ ބަލިތައް ހުންނަ މީހުންނެވެ.

ތަޖްރިބާކާރުން ގަބޫލުކުރާ ގޮތުގައި، މި ޒާތުގެ ވައިރަލް ހުން އަދި ރޯގާ ފެތުރެނީ، ކެއްސާ ވާހަކަދައްކައި، އަދި ގާތްގޯޅިވެ އުޅުމުގެ ތެރެއިންނެވެ. ބައެއް ފަހަރު މި ރޯގާ، އެ ބަލި ޖެހިފައިވާ މީހެއްގެ ފުށުންވެސް އެނަކާއަށް ޖެހިދާނެއެވެ. އަދި، އަމިއްލަ ނޭފަތަށް ނުވަތަ އަނގަޔަށް އަތްލައި ހެދުމުންވެސް މި ރޯގާ އަދި ހުން ޖެހުމަށް މެެދުވެރިވެއެވެ.

މި ވައިރަލް ހުން ޖެހުމުން ފެންނަ އަލާމަތްތަކުގެ ތެރޭގައި ވަރުބަލިވުމާއި ބޮލުގައި ރިއްސުން ފަދަ ކަންކަން ހިމެނެއެވެ. އަދި ބައެއް ހާލަތްތަކުގައި ބޭރަށް ހިންގާ، ހޮޑުލެވި އަދި ގައިގައި ރިއްސުން ފަދަ އަލާމަތްތައްވެސް ފެނުން އެކަށީގެންވެއެވެ. މިފަދަ ވައިރަލް ހުމެއް ނުވަތަ ރޯގާއެއް ޖެހިއްޖެނަމަ ކެއްސާ ކިނބިހި އަޅައި ހަދާއިރު، ނޭފަތާއި އަނގަ ބަންދުކޮށް ހެދުމަކީ އިތުރު މީހުންނަށް އެ ބަލި ޖެހުމުން ރައްކާތެރިވާ ކަމެކެވެ. 

ވައިރަލް ހުން އަދި ރޯގާއިން ރައްކާތެެރިވުމަށް ވަރަށް ބައިވަރު ކަންތައް ކުރެވިދާނެއެވެ. އެންމެ މުހިންމު އެއްކަމަކީ ސާފުތާހިރުކަމެވެ. އަދި މިކަހަލަ ރޯގާތައް ބޮޑަށް ފެތުރޭ ދުވަސްވަރުގައި، އެހާ ގިނައިން ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނިކުމެ ނޫޅުމަކީވެސް މި ރޯގާއިން ސަލާމަތްވުމަށް ކުރެވިދާނެ ކަމެކެވެ. އަދި، ރަނގަޅަށް ސައިބޯނި ލައިގެން އަތް ދޮވެ ހަދައި، އަދި ބަލި ޖެހިފައި ހުރި މީހުންނާއި މާ ގާތްގޯޅިކޮށް އުޅުން ދުރުކުރުންވެސް ހިމެނެއެވެ.

ވައިރަލް ހުން ނުވަތަ ރޯގާ ޖެހިގެން 5 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ބަލި ފަސޭހަ ނުވެއްޖެނަމަ، ވީ އެންމެ އަވަހަކަށް ޑޮކްޓަރަކަށް ދައްކާ ޓެސްޓްތައް ހެދުމަކީ މުހިންމު ކަމެކެވެ. މިކަހަލަ ގައިގަޔަށް އަރައި ބަލިތައް ފެތުރުން އިތުރުވެފައިވާ ދުވަސްވަރުގައި އަޅުގަނޑުމެން އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނާހެން ކައިރީގައި އުޅޭ މީހުންގެ ރައްކާތެރިކަމަށް ވިސްނުމަކީވެސް މުހިންމު ކަމެކެވެ. އަދި ތިބާގެ ފުށުން އެހެން މީހަކަށް އެ ބަލި ނުޖެހޭ ގޮތަށް އަމަލުތައް ބެހެއްޓުމަކީވެސް ވަރަށް ބުއްދިވެރި ކަމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *